އަންނަ މެއި މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އިންތިހާބުގައި ވޯޓު ނަގަން ޖެހެނީ އެންމެ މަގާމަކަށް ކަމަށް އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދާ އެލެކްޓޯރަލް ކޮމިޓީން ބުނެފިއެވެ.
އިލެކްޓޯރަލް ކޮމިޓީގެ ފަރާތުން ވާހަކަ ދައްކަމުން ހުސައިން ސިރާޖް ދިދާޅުވީ، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް މަގާމްތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވެފައި ވާއިރު، އެންމެ މަގާމެއް ފިޔަވާ ދެންހުރި މަގާމުތަކަށް ކުރިމަތި ލާފައި ވަނީ އެ މަގާމަކަށް މެމްބަރުން ހޮވަން ބޭނުންވާ އަދަދަށް ކަމަށެވެ.
އެގޮތުން ރައީސްކަމުގެ މަގާމަށް މިހާރު ވެސް އެމަގާމް ފުރުއްވަމުން ގެންދަވާ މުހަންމަދު ޝަވީދު އެކަނި ކުރިމަތި ލެއްވިއިރު ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތި ލައްވާފައި ވަނީ އަހުމަދު ލަތީފް އެކަންޏެވެ. އަދި ޖެނެރަލް ސެކެޓްރީ ކަމުގެ މަގާމަށް ކުރިމަތި ލެއްވީ މިހާރުވެސް އެ މަގާމު އަދާކުރައްވަމުން ގެންދަވާ އަހުމަދު މަރުޒޫގް އެކަންޏެވެ. ޓްރޭޝަރީ ކަމުގެ މަގާމަށް ކުރިމަތި ލައްވާފައިވަނީ ހުސައިން ރަޝީދު އެކަންޏެވެ.
މީގެ އިތުރުން އެކްސްކޯ މެމްބާރސް އޮލިމްޕިކް ޓީމް ސްޕޯޓްސްގެ ބަޔަށް ދެ މެމްބަރުން ބޭނުންވާއިރު އެމަގާމަށް ކުރިމަތި ލައްވާފައި ވަނީ ހަމައެކަނި މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއި، ހޭންޑްބޯލް މޯލްޑިވްސް އެވެ. އެކްސްކޯ މެމްބާރސް އޮލީމްޕިކް އިންޑިވިޖުއަލް ސްޕޯޓްސްގެ ބަޔަށް ވެސް ތިން މެމްބަރުން ބޭނުންވާއިރު އެމަގާމަށް ކުރިމަތި ލެއްވީ ހަމައެކަނި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.
އެކްސްކޯ މެމްބާރސް ނޮން އޮލިމްޕިކް ސްޕޯޓްސްގެ ބަޔަށް ދެ މެމްބަރުން ބޭނުންވާއިރު އެމަގާމަށްވެސް ކުރިމަތި ލެއްވީ ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް އާއި މޯލްސްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން އެކަންޏެވެ.
އެލެކްޓޯރަލް ކޮމިޓީން ބުނީ އިންތިހާބުގައި ވޯޓުނަގަން ޖެހެނީ ހަމައެކަނި އެކްސްކޯ މެމްބާރސް އަންހެން ބަޔަށް އެކަނި ކަމަށެވެ. އެގޮތުން އަންހެން ދެ މެމްބަރުންގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތި ލައްވާފައި ވާކަމަށް އެލެކްޓޯރަލް ކޮމިޓީއިން ވަނީ ބުނެފައެވެ. އެމަގާމަށް ކުރިމަތި ލައްވާފައި ވަނީ އައިމިނަތް އަލީ އާއި، ޔާސްމިން އަބްދުﷲ އާއި، މޮނާ އަހުމަދު އައްބާސް އެވެ.
ހުސައިން ސިރާޖް ވިދާޅުވީ، އެކޮމިޓީގެ ގަވާއިދުގައި ވާގޮތުން ވޯޓުލާން ޖެހޭނީ އެ މަގާމަކަށް ހޮވަން ބޭނުންވާ އަދަދަށް ވުރެ އިތުރަށް މެމްބަރުން ކުރިމަތި ލައްވައިފި ނަމަ އެކަނި ކަމަށެވެ. އެގޮތުން އެމަގާމަކަށް ހޮވަން ބޭނުންވާ އަދަދަށް މެމްބަރުން ކުރިމަތި ލައްވައިފި ނަމަ އޮޓޮމެޓިކަލީ އެ ފަރާތްތަކަށް އެ މަގާމުތައް ލިބޭނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކުމުން ސިރާޖް ވިދާޅުވީ އެލެކްޓޯރަލް ކޮމިޓީގެ ފަރާތުން، މިމަހުގެ 28 ވަނަ ދުވަހު ހުރިހާ އެސޯސިއޭޝަންތަކާއި ބައްދަލުކުރާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އިންތިހާބު ކުރިއަށްދާނެ ގޮތުގެ މައުލޫމަތު ހުރިހާ އެސޯސިއޭޝަންތަކަށް ހިއްސާ ކުރާނެ ކަމަށް ސިރާޖް ވިދާޅުވި އެވެ.
އިންތިހާބުގެ އެލެކްޓޯރަލް ކޮމިޓީގައި ތިއްބަވަނީ އަލީ ސަލީމް އާއި އަބްދުﷲ ރަޝީދް އާއި ހުސައިން ސިރާޖް އެވެ.