މޮޑަރނާގެ ކޮވިޑް-19 ވެކްސިންގެ ޑޯޒް ސަރުކާރުތަކަށް ވިއްކާނީ 25 ޑޮލަރާއި 37 ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށް އެ ކުންފުނީގެ ސީއީއޯ ސްޓެފާން ބަންސެލް ވިދާޅުވެއްޖެއެވެ.
ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބަންސެލް ވިދާޅުވީ އެންމެ ފަހު އަގު ކަނޑައަޅާނީ އެ ގައުމަކުން ގަންނަ ވެކްސިން ޑޯޒްގެ އަދަދަށް ބެލުމަށް ފަހު ކަމަށެވެ. އަދި މިއީ މިހާރު ވެސް އަރިދަފުސް ރޯގާއިން ރަައްކާތެރިވުމަށް ޖަހާ ފްލޫ ޝޮޓެއް (ވެކްސިން ޑޯޒެއް) ގެ އަގު ކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ފްލޫ ޝޮޓެއް ވިއްކަނީ 10 ޑޮލަރާއި 50 ޑޮލަރާ ދެމެދުގެ އަގެއްގައެވެ.
އެމެރިކާގެ މޮޑަރނާ ކުންފުނިން އުފައްދަމުން އަންނަ ކޮވިޑް ވެކްސިނަކީ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް އާއި ގުޅިގެން އުފައްދާ ވެކްސިނެކެވެ. އެގޮތުން އެމެރިކާ ސަރުކާރުން ވަނީ މި ވެކްސިން އުފެއްދުމުގެ ބޭނުމަށް އެއް ބިލިއަން ޑޮލަރުގެ ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. އަދި މި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދީފިނަމަ، އިތުރު 1.5 ބިލިއަން ޑޮލަރުގެ އެހީ ދޭން އެމެރިކާ ސަރުކާރުން ވަނީ ނިންމާފައެވެ،
މޮޑަރނާގެ ކޮވިޑް ވެކްސިންގެ ލޭޓް-ސްޓޭޖް ކްލިނިކަލް ޓްރަޔަލްގެ ނަތީޖާތައް ދައްކާ ގޮތުން، ކޮވިޑުން ރައްކާތެރިކުރުމުގައި އެ ވެކްސިން 94.5 އިންސައްތަ ކާމިޔާބު ކަމަށް ވަނީ ދައްކާފައެވެ. މޮޑަރނާގެ ވެކްސިންގެ އިތުރުން ފައިޒަރ އާއި ބަޔޯއެންޓެކްގެ ވެކްސިން އަދި އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނިކާގެ ވެކްސިން ވެސް ކޮވިޑުން ދިފާއު ކުރުމުގައި 90 އިންސައްތަ ކާމިޔާބު ކަމަށް އެ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
 
                            ![މީހެއްގެ ގަޔަށް ވެކްސިން ޑޯޒެއް ޖަހަން ތައްޔާރު ވަނީ [ރެޕްރެޒެންޓޭޝަނަލް ފޮޓޯ]](https://ik.imagekit.io/raajjemv/posts/x1zVNcUnQBypwCi7s6o8.jpg?tr=w-1000,h-670,cm-pad,fo-center) 
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
