ކޮވިޑް-19 އަށް ވެކްސިން އެއް ހޯދުމަށް ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އެކި ފެންވަރުގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ ކުންފުނިތައް ހިމެނޭއިރު އެކުންފުނިތަކުގެ ވެކްސިން އުފެއްދުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ މިހާރު ދުނިޔޭގައި އެންމެ ގުނާލެވޭ ފަރާތްތަކެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ކޮވިޑާ ދެކޮޅަށް ވެކްސިން އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ޑރ. މާހޭޝީ ރާމަސާމީގެ ނަމަކީ މިހާރު މީހުންގެ ތެރޭގައި އާއްމު އެއް ނަމެވެ. ލަންކާ އަށް އުފަން މަހޭޝީ މެޑިކަލްގެ ދާއިރާއިން ކިޔަވާ ވިދާޅުވީ އިނގިރޭސިވިލާތުންނެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ ކްރައިސްޓް ޗާޗުން މެޑިސިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ މަހޭޝީ ހާއްސާ ވެފައިވަނީ އެތެރެ ހަށީގެ ހާއްސަ ބަލިތަކަށެވެ.
މިވަގުތު އޮކްސްފޯޑް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަހޭޝީ އަކީ މޭގަން މެޑިކަލް ކޮލެޖުގެ ޕްރިންސިޕަލް ލެކްޗަރާއެވެ. އޭނާ އަކީ އޮކްސްފޯޑް ވެކްސިން ގްރޫޕްގެ ޕްރިންސިޕަލް އިންވެސްޓިގޭޓާގެ އިތުރުން އޮކްސްފޯޑް ޔުނިވާސިޓީގެ ސީނިއާ ކްލިނިކަލް ލެކްޗަރާވެސްމެއެވެ.
މަހޭޝް އަކީ ދެ ސައިންޓިސްޓުންނަށް ލިބުނު ދަރިއެކެވެ. އޭނާގެ މަންމައަކީ ލަންކާގެ ޕްރޮފެސަރު ސަމަރަނަޔަކެ ރަމަސާމީ އެވެ. ރަމަސާމީ އަކީ ކޮލަމްބޯގެ ވިޝާކާ ކޮލެޖުން ތައުލީމް ހާސިލްކޮށްފައިވާ ކަނބަލެކެވެ. ޔުނިވާސިޓީ އޮފް ކްލަމްބޯ އިން ޒޫލޮޖީން ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު ކޮމަންވެލްތް ސްކޮލާރޝިޕެއްގައި ކިޔަވަން ފުރުސަތު ލިބިވަޑައިގަތެވެ. އޭނާ އަކީ ކެމްބްރިޖް ޔުނިވާސިޓީން ޕީއެޗްޑީ ހާސިލުކުރެއްވި ލަންކާގެ ފުރުތަމަ ދަރިވަރެވެ. ރާމްސޭގެ މަންމައާ ބައްޕައާ ދެ ބޭފުޅުން ބައްދަލުވެވަޑައިގެންނެވީ އޭނާގެ މަންމަ ކެމްބްރިޖް ޔުނިވާސިޓީ ގައި ތައުލީމް ހާސިލްކުރައްވަން ދަނިކޮށެވެ. ލަންކާގައި ކައިވެނި ކުރުމަށް ފަހު އެ ދެމީހުންނަށް މަހޭޝް ލިބުނީ ކޮލަމްބޯގަ އެވެ.
އޭނާގެ ބައްޕަ ވަނީ ޔުނިވާސިޓީ އޮފް ސަން ޑިއެގޯ އަދި އޮސްޓްރޭލިޔާ ކުއީން ޔުނިވަރސިޓީގައި މަސައްކަތް ކުރައްވާފަ އެވެ. ކޮވިޑް-19 ގެ ރިސާޗްގައި މަހޭޝް ރަމަސާމީގެ މަގްބޫލުކަން ދަނީ މިއަދު ދުނިޔޭގައި އިތުރުވަމުންނެވެ.
އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑަށް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކާމިޔާބު ނަތީޖާތަކެއް ނުކުތުމާއެކު، މި ވައިރަސްއަށް ވެކްސިނެއް އުފެއްދިދާނެ ކަމުގެ އުއްމީދު އިތުރަށް ބޮޑުވެފައިވާ ކަމަށް އޮޮކްސްފޯޑުން ވަނީ ހާމަކޮށްފަ އެވެ.