އިނގިރޭސި ޕްރެމިއަރ ލީގުގައި ބާންލީ އަތުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓުން ގަދަ ހަތަރެއްގެ އުއްމީދު އާކުރިއިރު، ކްރިސްޓަލް ޕެލަސް އަތުން ބަލިވުމުގެ ސަބަބުން ލިވަޕޫލަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ބާންލީ އަތުން ޔުނައިޓެޑް މޮޅުވީ 0-2 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ޖަހައިދިނީ އެންތޮނީ މާޝިއަލްއެވެ.
ދެވަނަ ލަނޑު ފެނިގެންދިޔައީ މިފަހަކަށް އައިސް ޔުނައިޓެޑް ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކެޕްޓަން ވެއިން ރޫނީއެވެ.
ރޫނީގެ މި ލަނޑަކީ މިއަހަރުގެ ޖެނުއަރީގެ ފަހުން އޭނާގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑެވެ. އަދި ލީގުގައި ޔުނައިޓެޑުން ބަލިނުވެ ހަމަކުރި، 23 ވަނަ މެޗެވެ.
އާދިއްތަ ދުވަހުގެ ރޭ ބާންލީ އަތުން ލިބުނު މޮޅާއެކީ ޔުނައިޓެޑް މިހާރު އޮތީ ލީގުގެ ހަތަރުވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ވުރެ، އެއް ޕޮއިންޓް ފަހަތުން 63 ޕޮއިންޓާއެކީ ފަސްވަނައިގައެވެ.
އިނގިރޭސި ލީގުގެ ގަދަ ހަތަރަށް އެރުމުގެ އުންމީދު ޔުނައިޓެޑުން އާކުރި އެކުލަބަށް ކުރިއަށް ހުރީ ވަރަށް ވަރުގަދަ މެޗުތަކެކެވެ.
އެގޮތުން އެންމެ ފުރަތަމަ ވެސް ކުޅެންޖެހޭނީ ހަތަރު ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއެވެ. އޭގެ ފަހުން އާސެނަލް އަދި ޓޮޓެންހަމް އާ ދެކޮޅަށް ޔުނައިޓެޑުން ކުޅެންޖެހޭއިރު، ޔޫރޮޕާ ކަޕްފައި ސަލްޓަވިގޯ އާ ދެކޮޅަށް ދެ ލެގު ކުޅެންޖެހުމަކީ އެކުލަބަށް ކުރިމަތިވާނެ ވަރަށް ބޮޑު ޗެލެންޖެކެވެ.
އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވުމުން ތާވަލުގެ ތިން ވަނައިގައި އޮތުމަށްޓަކައި އުނދަގޫ ހާލަތަކާއި ކުރިމަތިލާންވަނީ ޖެހިފައެވެ.
ލިވަޕޫލްގެ މި ނަތީޖާއާއެކު ހަތަރުވަނައިގައި އޮތް މެންސިޓީއަށް ތިން ވަނައަށް އެރުމަށް ފުރުސަތު ތަނަވަސް ވެގެންދާނެއެވެ. ސިޓީއަށް ކުރިއަށް ހުރީ ވަރަށް ފަސޭޙަ މެޗުތަކެކެވެ.
ލިވަޕޫލާއި ކްރިސްޓަލް ޕެލަސްގެ ކުރިމަތިލުން ނިމުނީ 1-2 އިން ޕެލަސް މޮޅުވެގެންނެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ލިވަޕޫލް އިންނެވެ. ލިބުނު ހިލޭ ޖެހުމަކުން ލަނޑު ކާމިޔާބުކޮށްދިނީ ފިލިޕޭ ކޮޓީނިއޯ އެވެ.
ލިވަޕޫލުން ލީޑް ނެގި ނަމަވެސް ފުރަތަމަ ހަފު ނިމުމުގެ ކުރިން ޕެލަސް އިން ނަތީޖާ ހަމަހަމަކުރިއެވެ. ޕެލަސް އަށް އެއްވަރުކޮށްދިނީ ކްރިސްޓިއަން ބެންޓެކޭ އެވެ.
ލިވަޕޫލްގެ މައްޗަށް ޕެލަސް މޮޅުވި ގޯލް އެޓީމަށް ޖަހައިދިނީ ވެސް ކުރިން ލިވަޕޫލަށް ކުޅުނު ބެންޓެކޭއެވެ. މިއީ ލިވަޕޫލް ދަނޑުގައި ޕެލަސް އިން ޖެހިޖެހިގެން މޮޅުވި ތިން ވަނަ ފަހަރެވެ. އަދި ޕެލަސްގެ ކޯޗު ސޭމް އެލަޑީސް ކޯޗުކޮށްދިން ޓީމެއް ލިވަޕޫލް ދަނޑުގައި މޮޅުވި ވެސް ފުރަތަމަ ފަހަރެވެ.
ލިވަޕޫލް މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 34 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 32 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވަނީ ރޭ 2-0 އިން ބާންލީ އަތުން ހޯދި މޮޅާ އެކު 32 މެޗުން 63 ޕޮއިންޓް ހަމަކޮށްފަ އެވެ.