އެސްޓްރަޒެނެކާ އިން ކޮވިޑް-19 އަށް އުފައްދާ ވެކްސިން ޖެނުއަރީ މަހު އިންޑިިޔާގެ ސިއްހީ މަސައްކަތްތެރިންނާއި ދުވަސްވީ މީހުންނަށް ދެވޭވަރުވާނެ ކަމަށް އެގައުމުން ބުނެފި އެވެ.
އިންޑިޔާއަކީ މިވަގުތު ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުގައި މިހާތަނަށް އައިއިރު 9 މިލިއަން މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.
އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން ވަނީ މިހާރުވެސް އެސްޓްރަޒެނެކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން އުފައްދަމުން އަންނަ ވެކްސިންގެ އެތައް މިލިއަން ޑޯޒެއް އުފައްދާފައެވެ.
އެސްޓްރަޒެނެކާއިން ވަނީ ދުނިޔޭގެ އެތައް ފަރމަޝޫޓިކަލް ކުންފުނިތަކަކާއެކު ވެކްސިންގެ އިތުރު ޑޯޒްތައް އުފެއްދުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
އެސްޓްރަޒެނެކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިނުން އުމުރުން ދުވަސްވީ މީހުންގެ ދިފާއީ ނިޒާމު ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ވަނީ ހާމަވެފައެވެ. އެސްޓްރަޒެނެކާގެ ވެކްސިންގެ ޓްރެއަލްތަކުގެ ނަތީޖާ ޑިސެމްބަރ މަހުގެ 24 އާ ހަމައަށް ލިބޭނެ ކަމަށް އޮކްސްފޯރޑް ވެކްސިން ގްރޫޕުން ބުނެއެވެ.
އަނެއްކޮޅުން ފައިޒަރ އާއި މޮޑާނާގެ ވެކްސިންގެ އެންމެ ފަހުގެ ޓްރެއަލްތަކުގެ ނަތީޖާއިން އެކުންފުނިތައް އުފައްދަމުން އަންނަ ވެކްސިންތަކަކީ 90 އިންސައްތަ ކާމިޔާބު ވެކްސިންތަކެއްކަން ވަނީ ހާމަވެފައެވެ.
އިންޑިޔާއިން އަންނަނީ މި ދެ ކުންފުނިން އުފައްދަމުން އަންނަ ވެކްސިންތައް ހޯދުމަށްވެސް ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް އިންޑިޔާގެ އާބާދީ ބޮޑުވުމުން ބޭނުންވާ މިންވަރަށް ޑޯޒް ލިބުމުގައި ދަތިތަކެއް ހުރިކަމަށް މިދިޔަ ހަފްތާގައި އެގައުމުގެ ބޮޑު ވަޒީރަށް ލަފާދޭ ކޮމިޓީން ވަނީ ބުނެފައެވެ.
އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދިނުމާއެކު އިންޑިޔާގައި އެވެކްސިން އެމަރޖެންސީކޮށް ބޭނުންކުރަން ފަށާނެކަމަށް އެގައުމުން ބުނެއެވެ.
ޓްރެއަލްގައި ވެކްސިން ލިބެން ހުންނާނީ 5 ޑޮލަރާއި 6 ޑޮލަރާ ދެމެދުގައި ކަމަށާއި ނަމަވެސް އިންޑިޔާގެ ސަރުކާރުން ވެކްސިން ގަންނާނީ އެއަށްވުރެ ދަށް އަގެއްގައި ކަމަށްވެސް އިންޑިޔާއިން ބުނެއެވެ.
އިންޑިޔާގެ މުޅި އާބާދީ ކަމަށްވާ 1.3 ބިލިއަން މީހުންނަށް ވެކްސިން ދިނުމަށް ދެތިން އަހަރު ނަގާނެކަމަށް ބެލެވެއެވެ.