އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުގައި، ޖޯޖިއާ ސްޓޭޓް ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ކެނޑިޑޭޓް ޖޯ ބައިޑަން ކަމަށް އެ ސްޓޭޓުން އިއުލާންކޮށްފިއެވެ.
ޖޯޖިއާގެ ސެކެޓްރީ އޮފް ސްޓޭޓުުގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ޓްރަމްޕްގެ މައްޗަށް ބައިޑެން ކުރި ހޯއްދެވީ 12،284 ވޯޓުގެ ތަފާތުން ކަމަށެވެ. އެ ސްޓޭޓުގެ ނަތީޖާ ކަށަވަރުކޮށްފައި ވަނީ ހުރިހާ ވޯޓުތަކެއް ވަކިވަކިން އަތުން ގުނުމަށް ފަހުގައެވެ. މިއީ ބިލް ކްލިންޓަނަށް ފަހު ޑިމޮކްރެޓިިކް ޕާޓީގެ ކެނޑިޑޭޓަކު އެ ސްޓޭޓް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ޖޯޖިއާގެ ވޯޓުތައް އަލުން ގުނަން ނިންމީ ވޯޓުގެ ނަތީޖާގެ ފަރަގު ކުޑަވުމުންނެވެ. އެ ސްޓޭޓުގެ ގާނޫނު ބުނާ ގޮތުން ވޯޓު ކާމިޔާބުކުރީ %0.5 ތަފާތުން ކަމުގައި ވަނީ ނަމަ، ވޯޓުތައް އަލުން ގުނޭނެއެވެ. ބައިޑަން އެ ސްޓޭޓް ކާމިޔާބު ކުރައްވާފައި ވަނީ %0.2 ގެ ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.
ވޯޓުގެ ނަތީޖާ އަލުން ގުނުމުން ބައިޑަންއަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދުތައް ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް، އިންތިހާބީ އޮފިޝަލުން ވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާޅުންތަކެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރައްވާ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕްގެ މި ވާހަކަތައް، އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ބައެއް އިސް ފަރާތްތަކުން ވެސް ވަނީ ތާއީދުކޮށްފައެވެ.
ނަމަވެސް، އިންތިހާބުގައި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް މިހާތަނަށް ދެއްކިފައެއް ނުވެއެވެ. އަދި ބައެއް ސްޓޭޓްތަކުގައި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކޮށް، ކޯޓުތަކަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ސާބިތުނުވެ ނިމިފައިވާ ކަމަށް "ދަ ގަރޑިިއަން" ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.
"އެސޯސިއޭޓަޑް ޕްރެސް" އިން ރިޕޯޓްކުރާ ގޮތުގައި، ޖޯޖިއާގައި ބައިޑަން ހޯއްދެވި ކާމިޔާބީއާއެކު އޭނާއަށް ލިބިވަޑައިގެންނެވި އިލެކްޓޯރަލް ވޯޓުގެ އަދަދަކީ 306 އެވެ. ޓްރަމްޕަށް ކާމިޔާބު ކުރެވުނީ 232 އިލެކްޓޯރަލް ވޯޓެވެ. 2016 ވަނަ އަހަރުގެ އިންތިހާބުގައި ޓްރަމްޕަށް 306 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވިއިރު، ވާދަކުރެއްވި ކެނޑިޑޭޓް ހިލަރީ ކްލިންޓަނަށް ލިބިވަޑައިގަތީ 232 ވޯޓެވެ.