ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން "ސްޕަޓްނިކް ވީ" ގެ ޓްރަޔަލް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.
ރަޝިޔާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެ ގައުމުން އަންނަނީ މުޅި އާބާދީއަށް ވެކްސިން ދިނުމުގެ ކަންކަން އަވަސް ކުރުމަށް ޕްލޭންތައް އެކުލަވާލަމުންނެވެ.
ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް މެދުކަނޑާލިއިރު 29 ތަނެއްގައި އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން 6 ތަނެއްގައި އަލުން ޓްރަޔަލް މަރުހަލާގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
ސްޕަޓްނިކް ވީ ވެކްސިން އުފައްދަމުން އަންނަ ގަމަލެޔާ އިންސްޓިޓިއުޓުގެ ޑިރެކްޓަރ އަލެކްސެންޑަރ ވިދާޅުވީ ވެކްސިންގެ ޓްރަޔަލް ކުރިޔަށް ގެންދިޔުމަށް އައު ވޮލަންޓިއަރުން ނެގުން ލަސްވެފައި ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް މި ވަގުތު ފޯކަސް ހުރީމަ ކަމަށެވެ. މިހާތަނަށް އައިއިރު ވެކްސިންގެ ދެ ޑޯޒް 19،000 މީހުންނަށް ވަނީ ދީފައެވެ.
ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހާ ހަމައަށް އައިއިރު 20،000 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފައެވެ. އަދި ދެވަނަ ޑޯޒް 16،000 މީހުންނަށް ދީފައިވާ ކަމަށް ރަޝިޔަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑު (އާރުޑީއައިއެފް) އިން ބުނެއެވެ. ވެކްސިންގެ ދެ ޑޯޒް 40،000 މީހުންނަށް ދިނުމަކީ އާރުޑީއައިއެފްގެ އަމާޒެކެވެ.
އާރުޑީއައިއެފަކީ މި ވެކްސިން މާކެޓްކޮށް އަދި ޑިސްޓްރިބިއުޓް ކުރަން އެހީތެރިވެދޭ ފަރާތެވެ. އާރުޑީއައިއެފުން ބުނާ ގޮތުގައި ވެކްސިން ޓްރަޔަލް ހުއްޓައެއްނުލައެވެ. އަދި ވެކްސިންގެ ޑޯޒްގެ ދަތިކަމެއް ވެސް ނެތް ކަމަށް އާރުޑީއައިއެފުން ބުނެއެވެ.
ރަޝިޔާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވެކްސިންގެ ކްލިނިކަލް ޓްރަޔަލް ޕްލޭނާ އެއްގޮތަށް ކުރިޔަށްދާ ކަމަށެވެ. އަދި 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން ވެސް ކުރިޔަށްދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ރަޝިޔާއިން އަންނަނީ ވެކްސިންގެ 30 މިލިއަން ޑޯޒް އަހަރު ނިމެންވާއިރު އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ގިނަ ޑޯޒްތަކެއް އުފެއްދުމަށް ރަޝިޔާއަށް ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށް އެ ގައުމުގެ ރައީސް ވްލަޑްމީރް ޕޫޓިން ވަނީ އޮކްޓޯބަރ މަހު ވިދާޅުވެފައެވެ. އެއީ ވެކްސިންގެ ޑޯޒްތައް އުފެއްދުމަށް ބޭނުންވާ ސާމާނު ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް އޭރު ވިދާޅުވިއެވެ. އެހެން ނަމަވެސް އަހަރު ނިމުމުގެ ކުރިން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހެން ފެށޭވަރު ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ޕޫޓިން ވިދާޅުވިއެވެ.