ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 17:11
އާސެނަލް އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އާސެނަލް އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޓްވިޓަރ
އެފްއޭކަޕް
އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް
އާސެނަލް މޮޅުވި ލަނޑު ކާމިޔާބުކުރީ ސަންޗޭޒް
އާސެނަލް އިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުން

އެފްއޭކަޕްގައި އިތުރު ވަގުތުގައި އެލެކްސަސް ސަންޗޭޒް ކާމިޔާބުކުރި ލަނޑުން މެންޗެސްޓާ ސިޓީ ބަލިކޮށް އާސެނަލް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް މެޗުގެ 90 މިނެޓު ހަމަވީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. އެގޮތުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފްގައި އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް 1-2 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން މޮޅަށް ކުޅެފައިވަނީ އާސެނަލް އެވެ. އެގޮތުން އާސެނަލް އިން ވަނީ ސިޓީގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދާ، ލީޑު ނެގުމަށް ވެސް ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެހެންނަމަވެސް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ނިކުތް ސިޓީން ވެސް ވަނީ މެޗުގައި ލަނޑު ޖެހުމަށް މަދުން ނަމަވެސް ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި އެޓީމަށް މާތަފާތު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.   

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް އާސެނަލް އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، ފުލުފުލުގައި އެޓީމުންދިޔައީ ސިޓީގެ ގޯލަށް ހަމަލާ އުފައްދަމުންނެވެ. އެހެންނަމަވެސް އާސެނަލް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ސިޓީގެ ސާޖިއޯ އަގުއެރޯ ވަނީ އެޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މި ލަނޑަށް ފަހު ސީޓީން މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދަން ފެށިއެވެ. އެހެންނަމަވެސް އާސެނަލްގެ މޮންރިއަލް ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީ އިތުބާރުބޮޑުކޮށްދީފައެވެ.

މި ލަނޑުތަކާއެކު މެޗުގެ 90 މިނެޓު ހަމަވިއިރު، ދެން ކުޅުނީ ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެހާފެވެ. އެގޮތުން 15 މިނެޓުގެ ފުރަތަމަ ހާފް ފެށިގެން މާ ގިނައިރުތަކެއްނުވަނީސް އާސެނަލް އިން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސަންޗޭޒް އެވެ. މި ލަނޑާއެކު ސަންޗޭޒް ވަނީ ވެންބްލީގައި އެންމެ ގިނަ ލަނޑު ޖެހި އާސެނަލް ކުޅުންތެރިޔާއަށް ވެފައެވެ.

ލަނޑަށް ފަހު އާސެނަލް އިން ފަހަތަށް ޖެހި މޮޅު ޑިފެންސެއްކޮށްފައިވާއިރު، މެޗުގެ ފަހު 10 މިނެޓު ތެރޭގައި ސިޓީން ވަނީ އާސެނަލްގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް އާސެނަލްގެ މޮޅު ޑިފެންސް ފޫއަޅުވާލަން ސިޓީ ވަނީ ނުކުޅެދިފައެވެ.

- ކޮމެންޓް