މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ، އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެމްއެމްސީގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިހާބު ކުރެވިފައިވާ އެމްއެމްސީގެ 5 ވަނަ ދައުރު ހަމަވާތީ، ކައުންސިލަށް އަލުން މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލާ ކަމަށެވެ.
އެގޮތުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމް ހޯމް މިނިސްޓްރީގެ ވެބްސައިޓްhttps://www.gov.mv/MoHAއިން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް މި އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިތުރަށް މި އިއުލާނުގައި ބުނެފައި ވަނީ، ރަޖިސްޓްރޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ، ނޮވެމްބަރު 19 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 13:30 އަށް ހޯމް މިނިސްޓްރީން ކަމަށެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، ޑިސެމްބަރު 5ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައިވާއިރު، މި އިންތިހާބުގައި ވޯޓުލެވެނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއް ވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 15 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުން މައްޗަށެވެ.
މިފަހަރުގެ އިންތިޚާބުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރު ކަމަށް 14 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އަދި މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ކުރިމަތިލާފައިވެއެވެ.