އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ގައުމީ މުބާރާތް 2020" ގައި ބައިވެރިވުމަށް ދެ ދުވަސްތެރޭގައި 1400 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީނެ ބުނެފިއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މުބާރާތުގއި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހު ހުޅުވާލާފައިވާއިރު ދެދުވަސް ތެރޭގައި 1404 ފޯމް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މި މުބާރާތް ކުރިއަށް ގެންދަނީ ވާރޗުއަލް ކޮށެވެ.
މާލެއާއި އޮތޅުތެރޭގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ އެކި އުމުރުފުރާތަކުގެ މީހުންވެސް ޝާފިއު ވަނީ ފާހަގަ ކުރައްވާފައެވެ.
ދެދުވަހެއްގެ ތެރޭގައި 1400 އެއްހާ އެޕްލިކޭޝަން އައިމަ ޤަބޫލުކުރެވެނީ އާދަޔާ ކިލާފު ތަރުހީބެއް މި މުބާރާތަށް އެބަ ލިބޭ. ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މިފަހަރު މި މުބާރާތުގައި ބައިވެރިވޭ އެބަ މާލެއިން ގިނަ ފަރާތްތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން. އަދި މީގެ އިތުރަށް ދުނިޔޭގެ އެކި އެކި ގައުމުތަކުގައި ތިބި ދިވެހި ލޮބުވެތިރައްޔިތުން ތުއްތުކުދިންނާއި ބޮޑެތި މީހުން ބައިވެރިވާ ކަމީ މިއީ ލިބޭ ވަރަށްބޮޑު އުފަލެއްޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ
މި މުބާރާތް ދެ ކެޓަގަރީއަކަށް ބަހާލައިގެން ގެންދާއިރު މި ދެ ކެޓަގަރީއަކީ މުޖައްވަދުކޮށް (ދިގު ރާގަށް) އަދި ހަދަރުކޮށް (ކުރު ރާގަށް) ކިޔެވުމެވެ. މުބާރާތް ބޭއްވުމަށް މިނިސްޓްރީއިން ނިންމާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ.
އެގޮތުން ފުރަތަމަ ބުރަކީ އޮޑިޝަންގެ ބުރެވެ. މި ބުރު ކުރިއަށްދާނީ 28 ނޮވެމްބަރ 2020 ގެ ނިޔަލަށެވެ. އަދި ފައިނަލް ނުވަތަ އެންމެ ފަހު ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 13 ޑިސެމްބަރ 2020 ފެށިގެން 17 ޑިސެމްބަރ 2020 ގެ ނިޔަލަށެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމާ އެކު އޮޑިޝަންގެ ވީޑިއޯ އަޕްލޯޑު ކުރަންޖެހެއެވެ. ވީޑިއޯ އަޕްލޯޑު ކުރުމާއި ރަޖިސްޓްރީވުން ކުރިއަށް ދާނީ މުބާރާތައް ހާއްސަކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ.
މުބާރާތުގައި ބައިވެރިވެވުމުން ކެންޑިޑޭޓަށް ރަޖިސްޓްރީ ވެވުނުކަމުގެ މެސެޖު ލިބިގެން ދާނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މުބާރާތާއި ބެހޭ އިތުރު މައުލޫމާތު މުބާރާތުގެ އުސޫލުގައި ވާނެ ކަމަށާ އުސޫލު ޕޯޓަލްއިން ލިބޭނެ ކަމަށެވެ. މި ޕޯޓަލްއަށް ވަދެވޭނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށެވެ.