ރާއްޖެއަށް އެތެރެކުރަން އުޅުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުމުގެ ތުހުމަތުކުރެވޭ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމް, ޝަރީއަތް ނިމެންދެން ބަންދުގއި ބެހެއްޓުމަށް ހައިކޯޓުން އަމުރު ކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ޝަހީބު ބެހެއްޓުމަށް ބުދަ ދުވަހު ހައިކޯޓުން އަމުރު ކޮށްފައި މިވަނީ، މިދިއަ އޮކްޓޯބަރު މަހު ރާއްޖެއަށް އެތެރެކުރަން އުޅުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުމުގެ ތުހުމަތުކުރެވޭ މައްސަލާގައި އޭނާ ހައްޔަރު ކުރުމަށްފަހު، އަދި ބަންދުގެ މުއްދަތު ޖެހުމަށްފަހު، އަލުން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލާފައިވާތީ، އެމައްސަލަ ހައިކޯޓުގައި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފް ކުރުމުން ނެވެ.
ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ޝަހީބް ހައްޔަރުކޮށްފައިވަނީ މިދިއަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ، އޭނާ ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުންނެވެ. ފުލުހުން އިތުރަށް ބުނީ، ޝަހީބް ދޫކޮށްލާފައި ވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށް ފަހު، ތަހުގީގަށް އިތުރަށް ލިބިފައިވާ ހެއްކާއެކު ކޯޓަށް ހުށައަޅާފައި ވަނިކޮށް ކަމަށެވެ.
ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 25 އަހަރާއި 48 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ހޯދި މަސްތުވާތަކެތީގެ ތެރޭގައި މެތެމްފެޓަމިން އަދި ހެރޮއިން ހިމެނެ އެވެ.
ޝަހީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެކި މިނިސްޓްރީތަކުގެ މަތީ މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ 19 ވަނަ ރައްޔިތުން މަޖިލިސްގެ އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާއަށް ވާދަކޮށްފައިވާ ކެންޑިޑޭޓެކެވެ.
ޝަހީބަށް މަސްތުވާތަކެތީގެ ގިނަ ތުހުމަތުތައް ކުރެވޭއިރު، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައިގައި ވެސް އޭނާ ގުޅުން އޮތް ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި އީރާންގެ ހަތް މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފަ އެވެ.