ކ. މާލެ
|
16 ނޮވެންބަރ 2020 | ހޯމަ 22:56
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ
ރާއްޖެއެމްވީ
ހޯރަފުށީ އެއަރޕޯޓް
ފަޅެއް ހިއްކައިގެން މިހާރު 8 މަސް ތެރޭގައި އެއަރޕޯޓެއް ހެދޭނެ: އާޒިމް
 
މުޅި ޕްރޮޖެކްޓްގެ "މައިންޑް" އަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
 
ހޯރަފުށީގައި ބިން ހިއްކައި އެންމެ ކޮލިޓީ ރަނގަޅު އެއަރ ސްޓްރައިޕެއް ވެސް އަޅާފައިވާނެ
 
މީގެ ކުރިން ރާއްޖޭގައި ފަޅު ހިއްކައިގެން އެއަރޕޯޓު ހެދުމަށް 18 މަސް ހޭދަވޭ

ފަޅެއް ހިއްކައިގެން އެއަރޕޯޯޓެއް ހެދުމަށް އެމްޓީސީސީއަށް ބޭނުންވަނީ އެންމެ 8 މަސް ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ރާއްޖޭގައި ފަޅު ހިއްކައިގެން އެއަރޕޯޓު ހެދުމަށް 18 މަސް ހޭދަވާކަން ފާހަގަކުރައްވާ ރާއްޖެޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އާޒިމް ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓުގެ ޕްރޮޖެކްޓާއެކު، އެމްޓީސީސީގެ މަސައްކަތްތައް އެހެން ހަރުފަތަކަށް ގެންދެވިދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ފަޅު ހިއްކުމަކާ ނުލައި ހަތަރު މަސް ދުވަހުން އެއަރޕޯޓެއް ހަދާ ނިންމާލެވޭނެ ވަރުގެ ގާބިލްކަން ވެސް އެކުންފުންޏަށް މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓު އަވަހަށް ނިންމާ ރައްޔިތުންނަށް ހިދުމަތްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ސަބަބުން، އެމްޓީސީސީއަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދިޔަ ކަމަށެވެ.

އާޒިމް ވިދާޅުވީ، ހޯރަފުށީގައި ހެދި އެއަރޕޯޓުގެ މަޝްރޫއާއެކު އެމްޓީސީސީގެ މުވައްޒަފުންނަށް ލިބުނު މަސައްކަތުގެ ތަޖުރިބާ ގިނަ ކަމަށާއި، އަދި މިފަދަ ބޮޑެތި ޕްރޮޖެކްޓްތަކަށް ބޭނުންވާ އިކުއިޕްމެންޓް އިތުރު ކުރެވިގެންދިއުމަކީ ކުންފުނީގެ މަސައްކަތްތައް އަވަސް ކުރުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

އެއީ ކުރީގައި އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި ވަރުން އެއްފަހަރާ މަސައްކަތްކުރެވެނީ އެންމެ އެއަރޕޯޓެއްގަ. މިހާރު އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން ބޭނުންވޭ އެމްޓީސީސީން މިހާރު އެއްފަހަރާ ތިން އެއަރޕޯޓުގެ މަސައްކަތް ހުއްޓުމެއްނެތި އެއް ބާރުމިނެއްގައި ކުރިއަށްގެންދެވޭނެ. މިއީ އަޅުގަނޑުމެންގެ މަސައްކަތްތަކަށް ރޭވުންތެރިކަން ގެންދެވުނު ގޮތުން ލިބުނު ކުރިއެރުން.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް އިތުރަށް ވިދާޅުވީ، ހޯރަފުށީ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން އަވަހަށް ހިއްކުމަށްޓަކައި ދެމެހެއްޓެނެވި އިންތިޒާމެއްގެ ތެރެއިން އެ ކުންފުނީގެ ޓެކްނިކަލް ސްޓާފުން ވަރަށް ފުރިހަމައަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި 32 ހެކްޓަރުގެ ބިން ހިއްކައިގެން އެއަރޕޯޓު ހެދި އިރު، އެތަނުގައި އެންމެ ކޮލިޓީ ރަނގަޅު އެއަރ ސްޓްރައިޕެއް ވެސް އަޅާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި އެ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރައްވާފައިވަނީ ބުރަ މަސައްކަތްތަކެއް ކަމަށާއި، މުޅި ޕްރޮޖެކްޓްގެ "މައިންޑް" އަކީ އެބޭފުޅާ ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތް އެންމެ ބާރު ސްޕީޑުގައި ގެންދިއުމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ އެހީތެރިކަމާއި އެ ކުންފުނީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މިފަދަ ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި މުޅި އެމްޓީސީސީން، ރާއްޖޭގެ އެހެން ހުރިހާ ކުންފުނިތަކަށް ނަމޫނާ ދައްކައި، ތަރައްގީގެ އާ ސޮފުހާތަކެއް ހުޅުވުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
10%
60%
0%
30%
0%
0%
ކޮމެންޓް