ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ޝަރީޢަތެއް ލައިވްކޮށްފި އެވެ.
މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ނެރުނު ބަޔާނުގައި ބުނީ، ހޯމަ ދުވަހުގެ 11:00 ގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފެށިގެންދިޔަ ޝަރީޢަތް ކޯޓުގެ ޔޫޓިއުބް ޗެނަލާއި ޓްވިޓަރ ޕޭޖްގައި ލައިވްކޮށްފައިވާކަމަށާއި މިއީ، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވާ ޝަރީޢަތެއް ކޯޓުން ލައިވްކުރި ފުރަތަމަ ފަހަރުކަމަށެވެ.
ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މި އަހަރުގެ ޖޫން މަހުން ފެށިގެން ލައިވްކޮށްގެން ކުރިއަށް ގެންދަމުން އައިކަމުގައި ވީނަމަވެސް، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޝަރީޢަތްތައް ބާވާފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދުރުންކަމަށްވެސް ބަޔާނުގައިވެ އެވެ.
ސުޕްރީމްކޯޓުން ބުނީ، ހޯމަ ދުވަހު ބޭއްވި ޝަރީޢަތް ޝަރީޢަތުގެ މަޖިލީހުން ލައިވް ކުރެވިގެންދިޔައީ ޔޫ.އެން.ޑީ.ޕީ އިން ހަދިޔާކުރި ވަޞީލަތްތަކުގެ އެހީގައިކަމަށާއި ލައިވް ކުރީ ސުޕްރީމް ކޯޓުގެ ނަންބަރު 78/2020/SC-C އަދި 2020/SC-C/79 ޤަޟިއްޔާތަކަކީ ގއ. ދާންދޫ ކަކާގެ ޔަޢުޤޫބު ޢަބްދުﷲ ގެ މައްޗަށް ދަޢުވާކޮށް ނ. ވެލިދޫ އެލްޕާޝޯ މުޙައްމަދު ހަލީމް، އަދި މާލެ މއ. ލޮޓަސް އަސްޢަދު ޝަރީފު ގެ ފަރާތުން ހުށަހަޅާފައިވާ ދެ މައްސަލަކަމަށެވެ.
ޝަރީޢަތުގެވީޑިއޯ ކޯޓުގެ ޔޫޓިއުބް ޗެނަލުންފެންނާނެކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.