ކ. މާލެ
|
16 ނޮވެންބަރ 2020 | ހޯމަ 22:25
ފުލުހުންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބޭފުޅުން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ފުލުހުންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބޭފުޅުން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ޕޮލިސް
އެންއައިސީގެ މަސްއޫލިއްޔަތުތައް
އެންއައިސީގެ މަސްއޫލިއްޔަތުތަކާއި ގުޅޭ ގޮތުން ފުލުހުންނާއި މަޝްވަރާކޮށްފި
 
އެންއައިސީގެ މިހާރުގެ ރައީސް އަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމް
 
މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ފުލުހުންނާއި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ހޯމަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި މި ބައްދަލުކުރުމުގައި ފުލުހުންނާއި ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތްތަކާއި، އެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ ދަތިތަކާ އަދި އެ ކަންކަން ހައްލުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން އެންއައިސީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

އެންއައިސީއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށްވާއިރު، އެ ކޮމިޝަންގެ ރައީސް އަކަށް މީގެ ކުރިން ހުންނެވީ އަހުމަދު ސުލައިމާނެވެ. އޭނާއަށް އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ނިންމުމުން، އެ ކޮމިޝަނުގައި ދެން ތިއްބެވި މެންބަރުން ވެސް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

އެއަށްފަހު އެ ކޮމިޝަންގެ ރައީސް ކަމަށް، މަޖިލީހުގެ ރުހުމާއެކު އައްޔަންކޮށްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމެވެ. އޭނާއަކީ އެ މައްސަލާގައި ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލީ ބޭފުޅެކެވެ. އޭރު އޭނާ ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގަ އެވެ.

އެންއައިސީ އާއި ފުލުހުން ބޭއްވި ބައްދަލުވުމުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އިސް ބައެއް އޮފިސަރުންގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އިސްވެރިންނާއި އެ ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި މެންބަރުން ބައިވެރިވެލެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް