ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު އާދިއްތަ ދުވަހު އިތުރުވެފައިވަނީ ހަދަމުންދާ ރިސޯޓެއް ކަމުގައިވާ ރަށްފަޅުހުރާ ކިޔާ ރިސޯޓަކުން ނެގި ރޭންޑަމް ސާމްޕަލްތަކަކުން ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވިދާޅުވީ އެ ރިސޯޓުން ރޭންޑަމް ސާމްޕަލްގެ ގޮތުގައި 249 ސާމްޕަލެއް ނަގާފައިވާކަމަށެވެ. މިމަހުގެ 14 ވަނަ ދުވަހު ސާމްޕަލްތައް ނެގިއިރު މިހާތަނަށް 26 މީހަކު ކޮވިޑް-19 އަށް އެރަށުން ޕޮޒިޓިވްވެފައިވާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުން އައިސޮލޭޓް ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
މިރަށަކީ ހަތަރު ރަށަކަށް ބެހިފައިވާތަނެއް. މިއީ ގާތްގަނޑަކަށް ދެ ހާސް ސްޓާފުން މަސައްކަތްކުރަމުންދާ ތަނެއް.ޑރ ނަޒްލާ ރަފީގް
ޑރ ނަޒްލާ ވިދާޅުވީ ހަދަމުންދާ ރިސޯޓްތަކާއި އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުން އެކްޓިވް ސަރވިއަލަންސްގެ ދަށުން ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ހަދަމުންދާ ރިސޯޓްތަކުން ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
މީގެއިތުރުން މިވަގުތު ބޮޑު ކްލަސްޓަރ އެއްގެ ގޮތުގައި ފާހަގަވެފައިވަނީ އެއަރޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުންދާ މުވައްޒަފުންތަކުގެ ކްލަސްޓަރ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އެތަނުން ފުރަތަމަ މުވައްޒަފަކު ޕޮޒިޓިވްވެފައިވަނީ މިނޮވެމްބަރ މަހުގެ 5 ވަނަ ދުވަހު ކަމަށާއި މިހާތަނަށް އައިއިރު އެތަނުން 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
ފުރަތަމަ ކޭސް 5 ނޮވެމްބަރ ގައި ރިކޯޑްކުރެވުނީ. އޭގެފަހުން 22 ކޭސް ފެނިފައިވާއިރު 12 ނޮވެމްބަރގައި އިތުރު 5 މީހުން ޕޮޒިޓިވްވި، ނޮވެމްބަރ 13 ވަނަ ދުވަހު އިތުރު 6 މީހުން، 14 ނޮވެމަރގައި 7 މީހުން ވެއްޖެ. މިހާރު ކްލަސްޓަރ އަކަށްވެފައި މިވަނީ. މިހާރު ކޮންޓެކްޓް ޓްރޭސިންގ ހެދެމުންދާއިރު މިހާތަނަށް 27 ކޮންޓެކްޓުން ފާހަގަވެފައިވޭ. 136 ސްޓާފެއްގެ ސާމްޕަލް އިތުރަށް ނެގިފައިވަނީ.ޑރ ނަޒްލާ ރަފީގް
ޑރ ނަޒްލާ ވިދާޅުވީ އާދިއްތަ ދުވަހު ކޭސްތައް ފެނިފައިވާ މިންވަރު އިތުރުވެފައިވަނީ ކްލަސްޓަރ އަކާއި ގުޅިގެން ކަމަށްވިޔަސް ހޮނިހިރު ދުވަހު 41 ކޭސް ފެނިފައިވަނީ ކްލަސްޓަރއެއްގެ ތެރެއިން ނޫންކަމަށެވެ. އަދި އޮކްޓޯބަރ މަހުގެ ފަހު ދެ ހަފްތާ އާއި އަޅާބަލާއިރު ނޮވެމްބަރ މަހުގެ މިފާއިތުވި ދެ ހަފްތާގެ ތެރޭގައި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އަދި މިކަމަކީ ކޭސްތައް އުޅޭ މިންވަރު ދެނެގަތުމުގައި ބަލާ އިންޑިކޭޓަރ އަކަށްވާއިރު މިއީ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާކަން އަންގައިދޭ ކަމެއް ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
ޑރ ނަޒްލާ ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދީ ވައިރަސް އަދިވެސް ފިލައިގެން ނުދާކަމަށް ހުރިހާ ރައްޔިތުންވެސް ދެކި އެގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް އެގޮތަށް އަމަލުކުރުމަށް އެދިވަޑައިގެންނެވި އެވެ. އެހެންނޫން ކަމަށްވާނަމަ އަނެއްކާވެސް ކޭސްތައް އިތުރުވެގެންދާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.