ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓު ހޮޓަލެއް ތަރަައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާދިއްތަ ދުވަހު ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކެލާގައި ޓޫރިސްޓު ހޮޓާ އަޅަން ނިންމާފައިވަނީ އެރަށުން ޓޫރިޒަމަށް ހާއްސަކޮށްފައިވާ 864،414 (އަށްލައްކަ ފަސްދޮޅަސް ހަަތަރުހާސް ހަތަރު ސަތޭކަ ސާދަ) އަކަފޫޓުގެ ބިމާއި، އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދު ހިމެނޭ ގޮޮތަށް ކަމަށެވެ.
ޓޫރިޒަމުން ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކެލާގައި ޓޫރިސްޓް ހޮޓަލެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 17 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހު 10:00 އަށް ޓޫރިޒަމް މިނިސްޓްރީ އަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެދޭކަމަށެވެ.
މިކަމަށް އެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް 25 ނޮވެންބަރު ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް [email protected] އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރުމަށް ވެސް ޓޫރިޒަމުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ބީލަން ފޮތް ގަތުމަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ކަމަށާއި އަދި 22 ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 1300 އާއި ދެމެދު މިނިސްޓްރީގެ ރިސެޕްޝަނުން ބީލަން ފޮތް ލިބެން ހުންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ކެލާގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 1 ވަނަ ދުވަހު ހއ. ފިއްލަދޫއަށް ވަޑައިގެން ކެލާ ތުނޑީގައި ރިސޯޓެއް ހަދައި، އެ ދާއިރާގައި ހިމެނޭ ފިއްލަދޫއާއި ވަށަފަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.