ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 16:27
ކުރީގެ ރައީސް ޔަމީން އަދި ސަން ސިޔާމް: ރައީސް ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރުގެ ތެރެއިން ބޮޑެތި ހިޔާނާތްތަކެއް ހިންގާފައިވޭ
ކުރީގެ ރައީސް ޔަމީން އަދި ސަން ސިޔާމް: ރައީސް ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރުގެ ތެރެއިން ބޮޑެތި ހިޔާނާތްތަކެއް ހިންގާފައިވޭ
ރާއްޖެ އެމްވީ
އެމްއެމްޕީއާރުސީގެ ހިޔާނާތް / ފުއްގިރި
ފުއްގިރި މައްސަލައިގައި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރާ ދައުވާ އިއްވައި، ޖަވާބުދާރީވުމަށް ފުރުސަތެއް ދެއްވައިފި
 
ރިކް ރިޒާއާއި ސަން ސިޔާމުގެ ކުންފުނިން ހިންގީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތް ކޮށްފައިވޭ
 
އެފައިސާ ސަން ސިޔާމުގެ ސަން އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކުރުމަށްފަހު، ރައީސް ޔާމީނަށް ފޯރުކޮށްދިން
 
ކުރިކް ރިޒާގެ އެކައުންޓުން 1،117،000 ޑޮލަރު ސަން ސިޔާމުގެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޖަމާކުރި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ކުރާ ދައުވާ އިއްވައި، ދައުވާއަށް ޖަވާބުދާރީ ވުމަށް ފުރުސަތެއް ދެއްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުން ދައުވާ ސާފު ނުވާކަމަށް ވިދާޅުވެ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ ވަކީލުން ގިނަ ވަގުތު މިއަޑުއެހުމުގައި ހޭދަކުރެއްވި އެވެ. ދައުވާގައި "ފަށަލަކުރުން" ބަޔާން ކޮށްފައިވާތީ މިމައްސަލާގައި ފަށަލަ ކުރުމަކީ ކޮބައިކަން ސާފު ނުވާކަމަށް ތަކުރާރުކޮށް ދިފާއީ ވަކީލުން ވިދާޅުވި އެވެ. ނަމަވެސް ފަހުން ދައުވާ ސާފުވާކަމަށް ވިދާޅުވެ، މިމައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް މަދުކަން ފާހަގަ ކުރެއްވުމުން، ގާޒީ ވަނީ މީގެ އެއްމަސް ކުރިން ބޭއްވި އަޑުއެހުމުގައި ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވާކަން ދައުވާ ލިބޭ ފަރާތުން ހާމަކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ގާޒީ ވަނީ މަދުވާ ލިޔެކިޔުންތައް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ދިފާއީ ވަކީލު ވަނީ ކިޔެކިޔުންތައް ހަމައަށް ލިބުމުން ދައުވާއަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. ގާޒީ ވިދާޅުވީ ދެން މިމައްސަލާގައި އަޑުއެހުމެއް ބޭއްވޭނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށާއި އެދުވަހުގެ އަޑުއެހުމަށް ދައުވާއަށް ޖަވާބުދާރީ ވުމަށް ތައްޔާރުވެވަޑައިގެން، ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮތް ކުންފުންޏެކެވެ، ނަމަވެސް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަދި އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް އާއި ހުސައިން ސާލިމް މުހައްމަދު ކިޔާ ބޭފުޅެކެވެ.

ހަމަ މި މައްސަލައިގައި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ. މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނަވަނީީ ސަން ސިޔާމް އެވެ.

ދައުލަތުން އުފުލި ދައުވާގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ބޭންކް އޮފް ސިލޯންގައިވާ ކުރިކް ރިޒާގެ އެކައުންޓަށް 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީންއަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލަތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

ރައީސް ޔާމީންއަށް 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ފޯރުކޮށްދީފައިވަނީ ސަން އިންވެސްޓްމަންޓް ކުންފުނިންނެވެ. އެ ކުންފުނީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އަދި މިހާތަނަށް ބާއްވާފައެއް ނުވެ އެވެ.

މި މައްސަލައާއި ގުޅިގެން، ރައީސް ޔާމީނާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ. (ފަަސް ސަތޭކަ ނުވަދިހަ އެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ނުވަ ސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ހޯދުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
50%
0%
50%
0%
0%
ކޮމެންޓް