ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 16:39
ތައުލީމު ގާނޫނު ހެދުމުގައި ރައްޔިތުންގެ ބައިވެރިވުމެއްވެސް ވާކަމަށް މިނިސްޓަރ ވިދާޅުވި
ތައުލީމު ގާނޫނު ހެދުމުގައި ރައްޔިތުންގެ ބައިވެރިވުމެއްވެސް ވާކަމަށް މިނިސްޓަރ ވިދާޅުވި
ޔޫސުފް ސޮފްވާން ރަޝީދު
ތައުލީމު ގާނޫނު
ރަނގަޅު ގާނޫނެއް އޮވެއްޖެނަމަ ކޮންމެ ސަރުކާރެއް އަޔަސް އެ ގާނޫނު ތަންފީޒު ވެގެން ދާނެ: އެޑިއުކޭޝަން މިނިސްޓަރ
 
މި ބިލުގައި ދީނީ ތަރުބިއްޔަތުގެ އިތުރުން ދިވެހި އުނގަންނައިދިނުމަށް ބާރުއަޅާ
 
މި ގާނޫނުގެ ފަސް މަގްސަދެއް ވާކަމަށް މިނިސްޓަރ ވިދާޅުވި
 
މި ގާނޫނު ބިނާވެގެންވަނީ 10 ބާބެއްގެ މައްޗަށް

ރަނގަޅު ގާނޫނެއް އޮވެއްޖެނަމަ ކޮންމެ ސަރުކާރެއް އަޔަސް އެ ގާނޫނު ތަންފީޒު ވެގެން ދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތައުލީމު ގާނޫނާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

މިފަދަ ގާނޫނެއް އޮތުމުގެ މުހިއްމުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ތައުލީމުގެ މައިގަނޑު އަސާސްތައް ލިޔުމުން ފެންނަން އޮތުމުން ހުރިހާ ފަރާތްތަކަށްވެސް ކަންކަން މާނަކުރުމުގައި އެއްގޮތަކަށް އަމަލުކުރެވޭނެކަމަށެވެ.

އަދި މި ގާނޫނު ހެދުމުގައި ރައްޔިތުންގެ ބައިވެރިވުމެއްވެސް ވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ތައުލީމު ދިނުމަށް ހޭދަ ކުރާ ފައިސާއަކީ ރައްޔިތުންގެ އަތުން ނެގޭ ޓެކްސްއިން ހޭދަކުރާ ފައިސާ ކަމަށް ވުމާއެކު އެމިނިސްޓްރީއިން ދެމުންދާ ހިދުމަތްތައް ރަނގަޅު ނޫންނަމަ އެމިނިސްޓްރީ ޒިންމާދާރު ކުރުވުމަށް ރައްޔިތުންނަށް އެކިއެކި ކަންކަން ކުރެވިދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ތައުލީމު ގާނޫނާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ މި ގާނޫނު ބިނާވެގެންވަނީ 10 ބާބެއްގެ މައްޗަށް ކަމަށެވެ. އަދި މި ގާނޫނުގެ ފަސް މަގްސަދެއް ވާކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަަމަ މަގްސަދަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އުނގެނުމުގެ ހައްގު ދަރިވަރުންނަށް ކަށަވަރު ކޮށްދިނުމުގެ އިތުރުން މުދައްރިސުން ގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ނިޒާމެއް ގާއިމްކޮށްދިނުން ކަމަށެވެ. ދެވަނަ މަގްސަދަކީ އުނގެނުމުގެ ހައްގު ކަށަވަރުކޮށްދިނުމުގައި ދައުލަތާ، ބެލެނިވެރިން އަދި މުދައްރިސުންގެ ޒިންމާތައް ކަނޑައަޅާ އެ ޒިންމާތައް އަދާނުކޮށްފިނަމަ އަމަލު ކުރެވޭނެ ގޮތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން ހަމަހަމަ ކަމާއެކު ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީން އަދި އިސްލާމީ ތަރުބިއްޔަތު ދަރިވަރުންނަށް ދެވޭނެ މާހައުލެއް ގާއިމް ކުރުމާއި، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ ސުލްހަވެރި ކަމާއެކު އުޅެވޭނެ ގޮތްތައް ދަރިވަރުންނަށް އަންގައިދީ އަދި އެކަމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް ގާއިމް ކުރުމުގެ އިތުރުން ގައުމީ ވާޖިބުތަކަސް އަހުލުވެރި މުޖްތަމައުގައި ޒިންމާދާރު ދައުރެއް އަދާކުރާނެ ދަރިވަރުންތަކެއް ސްކޫލްގެ ނިޒާމުން ބޭރުކުރުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ބިލުގައިވާ މުހިއްމު ނުކުތާތައް ކިޔައިދެއްވަމުން މިނިސްޓަރ ވިދާޅުވީ ހައްގުތަކާ ޒިންމާތައް ބިލުގައި އެކަށައަޅާފައިވާކަމަށެވެ. އެގޮތުން އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް ލިބެންޖެހޭ ހައްގުތަކެއް ވާކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި ލައިފްލޯންގް ލަރނިންގ އާއި ކޮންޓިނިއުއިންގ އެޑިއުކޭޝަން ހޯދުމުގެ ހައްގު އަދި މަދަރުސީ ނިޒާމުގެ ތެރެއިން ފަންނީ ނުވަތަ މަސައްކަތްތެރިކަމުގެ ތައުލީމު އުނގެނުމުގެ ހައްގު ލިބިގެންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްވަމުން މިނިސްޓަރ ވިދާޅުވީ ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންގެ ހައްގުތައް ރައްކާތެރި ކުރުމާއެކު އެކުދިންނަށް އުނގަންނައިދިނުމަށް މި ބިލުގައި ބާރުއަޅާކަމަށެވެ. އަދި އުމުރުން 4 އަހަރާ 16 އަހަރުގެ ކޮންމެ ދިވެހި ކުއްޖަކަށް ހިލޭ ދައުލަތުން ފަށާތައުލީމުން ފެށިގެން ސާނަވީ ތައުލީމު ނިމެންދެން ދޭންޖެހޭނެކަމަށް މިބިލުގައި ބަޔާން ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ބިލުގައި ދީނީ ތަރުބިއްޔަތުގެ އިތުރުން ދިވެހި އުނގަންނައިދިނުމަށް ވަރަށް ބޮޑަށް ބާރުއަޅާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. އަދި ދަރިވަރުންނަށް ރަނގަޅު މާހައުލަކަށް އެ ސްކޫލެއްގެ މާހައުލު ހެދުމަށް ބާރުއަޅާކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މަންހަޖުތައް އެކުލާވާލުމާއެކު އިމްތިހާނުތައް ބޭއްވުމަސް ހާއްސަ އިންތިޒާމްތަކެއް އަދި ހާއްސަ ނިޒާމްތަކެއް ކަނޑައެޅުން ލާޒިމް ކުރާކަމަށެވެ. އަދި ކިޔަވާ ކޮންމެ ދަރިވަރަކީ ސްކޫލަށް ހާޒިރުވާންޖެހޭ ކުއްޖެއްކަމަށް ބުނެ އެ މިނިސްޓްރީއިން ބުނީ އުޒުރެއްނެތި ސްކޫލަށް ހާޒިރު ނުވެ ނުހުރެވޭނެ ކަމަށެވެ. އަދި ތައުލީމީ ބޭނުމަކަށް މެނުވީ ދަރިވަރަކު ވަޒީފާއަކަށް ދިއުމަކީ މަނާކަމެއްކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް