ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުޑަކުދިންގެ މެދުގައި އިސްލާމީ އަހުލާގު އަށަގަންނުވައި، އިސްލާމީ އަގީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ކުރެހުމުގެ މުބާރާތެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ، ކުރެހުމުގެ މުބާރާތް އަމާޒުކޮށްފައިވަނީ އުމުރުން ފަސް އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ހޯމަ ދުވަހުގެ 16:00 ގެ ކުރިން މިނިސްޓްރީ އަށް ކުރެހުން ހުށަހަޅަން މިނިސްޓްރީން ވަނީ އެދިފަ އެވެ.
އީމެއިލްމެދުވެރިކޮށް، އީމެއިލްގެ ސަބްޖެކްޓު ގައި "ރާއްޖެ އިސްލާމްވީ ދުވަހުގެ ކުރެހުމުގެ މުބާރާތް" ޖެއްސެވުމަށްފަހު، ކުއްޖާގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރު، އެޑްރެސް، އުމުރު އަދި ގުޅޭނެ ފޯނު ނަންބަރު އީމެއިލްގައި ހިމަނަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މުބާރާތުގެ ތީމް ތަކަކީ ނަމާދު، މަންމަ އާއި ބައްޕަގެ އިތުރުން ގެފުޅެވެ. ނަމާދުގެ ތީމް ތަކުގެ ތެރޭގައި ނަމާދު ވަގުތުތައް ދައްކުވައިދޭ ކުރެހުން، ނަމާދުކުރާ ތަން ދައްކުވައިދޭ ކުރެހުން އަދި ނަމާދުގެ މުހިންމުކަން އަންގައިދޭ ކުރެހުމުގެ އިތުރުން ނަމާދަށް ޝައުގުވެރިވާނެ ގޮތްތައް ދައްކުވައިދޭ ކުރެހުން ހުށައެޅެނޭ އެވެ.
އަހަރެންގެ މަންމައާއި ބައްޕައިގެ ތީމްގެ ތެރެއިން މައިންބަފައިންނަށް އެހީތެރިވުން، މައިންބަފައިންނަށް އަޅާލުން، އޯގާތެރިވުން އަދި މައިންބަފައިންގެ ބަސް އެހުމުގެ އިތުރުން މައިންބަފައިންނަށް އިހްތިރާމްކުރުމުގެ ކުރެހުން ހުށައެޅޭނެ އެވެ. ގެފުޅުގެ ތީމްއަކަށް ހުށައެޅޭނީ ގެފުޅަކީ ކޮންތަކެއް ކަމުގެ އިތުރުން ގެފުޅަށް ޒިޔާރަތްކުރުމުގެ ބޭނުމުގެ ކުރެހުމެވެ.
ކުރެހުމާއި އެކު ކުރެހުންތެރިޔާގެ އައިޑީ ކާޑުގެ ކޮޕީއާއި ސްޓޭމްޕް ސައިޒުގެ ފޮޓޯއެއްގެ އިތުރުން ކުރެހި ވަގުތު ނަގާފައިވާ ފޮޓޯއަކާއި ކުރެހުމާ އެކު ނަގާފައިވާ ފޮޓޯއެއް އީމެއިލް ކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ.
މިނިސްޓްރީން ބުނީ، ހުށައެޅޭ ކުރެހުންތަކުގެ އެންމެ މޮޅު ފަސް ކުރެހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދާ ލައިވް ކަވަރޭޖްގައި އެގްޒިބިޓް ކުރެވޭނެ ކަމަށެވެ.
މުބާރާތުގެ އެއްވަނަ އަށް 1500 ރުފިޔާ ދެވަނަ އަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާ ތިން ވަނަ އަށް ހޮވޭ ކުރެހުންތެރިޔާ އަށް 700 ރުފިޔާ އަދި ހަތަރު ވަނަ ހޯދާ ފަރާތަކަށް 500 ރުފިޔާގެ އިތުރުން ފަސް ވަނަ އަށް އަންނަ ފަރާތައް 300 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.