އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބު ކުރުމަށް ސައުދީ އަރަބިއްޔާއިން ތާއީދުކުރާކަން އެގައުމުން ހާމަކޮށްފި އެވެ.
''ރާއްޖެ.އެމްވީ'' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީން މިނިސްޓަރ ޝާހިދަށް ތާއީދުކުރާކަން ހާމަކޮށްފައިވަނީ އެގައުމުގެ ހާރިޖިއްޔާގެ އެންމެ ބާރުގަދަ ބޭފުޅާގެ ގޮތުގައި މަޝްހޫރުވެފައިވާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދިލް ޖުބެއިރް ސޮއިކުރައްވާ ނިމިދިޔަ ހަފްތާގައި ދިވެހި ސަރުކާރަށް ފޮނުއްވި ސިޓީފުޅަކުންނެވެ.
މިކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
އދގެ އާއްމު މަޖިލީހުގައި މިހާރު ހިނގަމުންދަނީ 75 ވަނަ ސެޝަނެވެ. 76 ވަނަ ސެޝަން ފެށޭނީ އަންނަ އަހަރު އެވެ. އަދި އާއްމު މަޖިލީހުގެ ރައީސްގެ ވޯޓު ނަގާނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބައިނަލްއަގްވާމީ ދުނިޔެއާ އަލުން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލާފައިވާއިރު އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށްވެސް ރާއްޖެއިން ވަނީ ކުރިމަތިލާނެކަން ހާމަކޮށްފަ އެވެ.
''ރާއްޖެ.އެމްވީ'' އައު ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއިން ބައިނަލްއަގްވާމީ ދުނިޔެއާ އޮންނަ ގުޅުން ބަދަހިކޮށް، އިންސާނީ ހައްގުތަކާ ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތުކުރުން އިތުރު ވެފައިވުމުން ރާއްޖެ އަށް އދ ގައި އިސް ދައުރެއް އަދާކުރުމަށް ގިނަ ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
އަދި މިނިސްޓަރ ޝާހިދަކީ ގިނަ ގައުމުތަކަކުން ދަންނަ ޑިޕްލޮމެޓެއް ކަމުން އެކަމުގެ ފައިދާކުރާނެ ކަމަށެވެ.