ރާއްޖޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށް، ފުލުހުން އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.
ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ އަމަލު ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީގައި އަދި ތ. ތިމަރަފުށީގައި ކަމަށެވެ. މި އޮޕަރޭޝަނުގައި މާލެއިން މީހަކާއި، ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހަކު އަދި ތިމަރަފުށިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ހިންގަމުންދާ ކަމަށް ހާމަކޮށްފައިވާއިރު، ސީރިއާގައި ހިންގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާއްޖެއަށް އައި ޒުވާނަކު ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ.
ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފަސްޖެހުމެއްނެތި މީހުންގެ ފުރާނައަށް ގެއްލުންދޭން ފަސްނުޖެހޭ 1،400 މީހުން ރާއްޖޭގައި އުޅެމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.