ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވަން ޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މެނޭޖްމެންޓް (އެމްއާރުއެމް)ން ބުނެފި އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރުމުގެ ގޮތުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އެމްއާރުއެމްއިން ބުނީ ޖުމްހޫރީ ދުވަހުގެ މުނާސަބަ ދަނޑިވަޅުގައި ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިތުބާރު ކުރާ މުޖުތަމައެއްޤާއިމު ކުރުމާއި، ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމަނަން ޖެހޭ ކަމަށެވެ.
ފާހަގަ ކުރަމުން މިދަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އަށް 52 އަހަރު ފުރޭ ތާރީޚީ މުނާސަބަތެއްކަމަށާއި މި ވޭތިވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާން ތަކާ ރާއްޖެ ކުރިމަތިލާންޖެހިފައި ވާކަން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަޖުމްހޫރިއްޔާ އެއް ޤާއިމު ކުރަން ޖެހުނު ސަބަބު ތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބު ތަކާއި، ރިޔާސީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާދިޔަ 12 އަހަރުގެ ތެރޭގައި ކަން ހިނގަމުން މިއަންނަ ގޮތްތަށް ފާހަގަ ކޮށްފައިވެ އެވެ.
މީގެ އިތުރުން މިބަޔާނުގައި ބުނީ މި ފަދަ ކަންކަމުންވެސް އިނގިގެންދަނީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަކަމަށެވެ. އަދި މިފަހަރުގެ ޖުމްހޫރީ ދުވަސް ބައްދަލުވި އިރު ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮވިޑް-19 ވަނީ މުޅިދުނިޔޭގައި ފެތުރިފައި ވާކަން ފާހަގަކޮށް ބުނީ މިކަމުގެ ސަބަބުން އާންމުކޮށް އުޅެމުން އައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައި ވާކަމަށެވެ.
އެގޮތުން މި ބަލިން ސަލާމަތްވެ ކުރީގައި އުޅުނު ދިރިއުޅުން އިއާދަ ކުރެވޭނީ، އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެ ކަމަށާއި ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ޢަމަލު ކޮށްގެން ކަމަށެވެ. އަމިއްލަ ފަރުދީ ޒިންމާ އަދާ ކުރުމަށް މިއަދުވެސް ޢަޒުމު ވަރުގަދަކުރަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ތަހްނިޔާ އާއި ހެޔޮ އެދުންތައް އެމްއާރްއެމްގެ ނަމުގައި ފޮނުވައިފައިވެެ އެވެ.