ހއ. ދިއްދޫގައި އިމާރާތް ކުރާ އައު އިންޖީނުގެ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
މި ބިންގާ އަޅާފައިވަނީ ރަށްރަށުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި ޒަމާނީ އިންޖީނުގެތަކެއް އެޅުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މިކަމަށް ހާއްސަ ކޮށްގެން ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އަދި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަހީދު އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް ވިދާޅުވީ އެރަށުގައި މިހާރު ހުންނަ އިންޖީނު ގެއަކީ ވަރަށް ކުރީގެ ގެއެއް ކަމަށާ އެ އިންޖީނު ގޭގެ ސަބަބުން ރައްޔިތުންނަށް އެތަކެއް އުންދަގޫތަކަކާ ކުރިމަތި ވަމުން އަންނަ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ އިންޖީނު ގެއިން އިވޭ ގަދަ އަޑުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވަމުން ދިޔުމުގެ އިތުރަށް ދުމުގެ ސަބަބުން ވެސް އެތަކެއް ގޮންޖެހުން ތަކަކާ ކުރިމަތި ވަމުން އަންނަ ކަމަށެވެ. އަދި އަލަށް އިމާރާތް ކުރާ އިންޖީނު ގެ އިމާރާތް ކުރެވިގެން ދާނީ ރައްޔިތުން ދިރިއުޅޭ ސަރަހައްދާ 200 ވަރަކަށް ފޫޓު ދުރުގައި ކަމަށްވެސް ހާޝިމް ވިދާޅުވި އެވެ. އަދި މަސައްކަތް ފެށޭ ތާރީހުން ފެށިގެން 7 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް މުޅިން ނިމިގެން ދާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ފެނަކައިގެ އެމްޑީ އަޙްމަދު ސައީދު ވިދާޅުވީ އެކުންފުނީގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 28 ރަށެށްގެ އިންޖީނުގެ އައު ކޮށްލާ ޒަމާނީފެންވަރަށް ބަދަލުކޮށްލުމެވެ. މީގެ އިތުރުން ފެނަކައިގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ތެރޭގައި 56 ރަށެއްގެ އިންޖީނުތައް އަޕްގްރޭޑުކޮށް އިންޖީނުގެތައް ރީލޮކޭޓުކުރުމުގެ މަސައްކަތް އެއްކޮށް ނިމާލުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.