ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 17:21
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ
މަޖިލިސް
ޔައުގޫބުގެ ގޮނޑީގެ މައްސަލަ
މެމްބަރު ޔައުގޫބްގެ ގޮނޑީގެ މައްސަލާގައި ހުކުމް ކުރުން އަންނަ ހޯމަ ދުވަހު
މަޖިލީހުގެ މަސައްކަތުން ޔައުގޫބު އެކަހެރިވެވަޑައިގެންނެވުމަށް، ވަގުތީ އަމުރެއް ނެރެދެއްވުމަށް ވެސް އެދިލެއްވި ނަމަވެސް އެ އަމުރު ސުޕްރީމް ކޯޓުން ނެރެދެއްވާފައެއް ނުވޭ
ވަގުތީ އަމުރަކަށް އެދިލެއްވީ ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވާ އައްސަދު ޝަރީފް
ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވަނީ އޭނާ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވުމާ ގުޅިގެން

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް އަންނަ ހަފްތާގެ ހޯމަ ދުވަހަށް ތާވަލް ކޮށްފި އެވެ.

މިމައްސަލާގައި އޮކްޓޯބަރު 27 ވަނަ ދުވަހު ބޭއްވި އަޑުއެހުން ނިންމާލައްވަމުން، މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެފައިވަނީ، ދެން މި މައްސަލާގައި ފަނޑިޔާރުން އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން ބޭއްވޭނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތުގެ މަޖިލިސް ކަމަށެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވެސް، މައްސަލަ ހުށަހެޅުއްވި ފަރާތްތަކަށާއި މެމްބަރު ޔައުގޫބުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބޭފުޅުންނަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ރިޔާސަތުން ދެއްވާފައި ވެއެވެ. އަދި ދައުވާ ހުށަހެޅި ފަރާތްތަކަށާއި ދައުވާ ރައްދުވާ ފަރާތަކަށް ވެސް ބައެއް ފަނޑިޔާރުން ސުވާލުތައް ކުރިމަތި ކުރައްވާފައި ވެއެވެ. އަދި ހުލާސާ ގޮތެއްގައި ދެފަރާތުން ވާހަކަ ދެއްކުމުގެ ފުރުސަތުވެސް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދެއްވައި، އަޑުއެހުން ނިމުނީ ކަމަށް ރިޔާސަތުން ވަނީ އިއުލާން ކުރައްވާފަ އެވެ.

ޔައުގޫބްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް (ހަލީމްބާއި) އާއި އައްސަދު ޝަރީފްއެވެ.

މި މައްސަލާގައި ފުރަތަމަ އަޑުއެހުމެއް ބާއްވާފައިވަނީ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އިދިކޮޅު ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ، އައްސަދު ވަނީ ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް ވެސް އެދިފައެވެ. އެ ވަގުތީ އަމުރަކީ، މި މައްސަލައަށް ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، މެމްބަރު ޔައުގޫބު މަޖިލީހުގެ މަސައްކަތްތަކުން އެކެހެރިވެ ވަޑައިގެންނެވުމަށް ހުށަހެޅުއްވި ވަގުތީ އަމުރެކެވެ.

އެ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ފުރަތަމަ އަޑުއެހުމުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، މި މައްސަލަ ރައްދުވާ ޔައުގޫބުގެ ފަރާތުން ހުށަހެޅުއްވި އިޖުރާއީ ނުކުތާއާ ގުޅިގެން ވެސް ފަނޑިޔާރު ސުއޫދު ވިދާޅުވީ މިމައްސަލަ ކުރިއަށް ގެންދަން ނިންމަވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ އެނިންމެވުންތައް މިމައްސަލައިގެ ހުކުމުގެ ރިޕޯޓްގައި ބަޔާންކުރައްވާނެ ކަމަށްވެސް ފަނޑިޔާރު ސުއޫދު ވިދާޅުވެފައި ވެއެވެ.

މެމްބަރު ޔައުގޫބްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ އޭނާ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވުމާ ގުޅިގެންނެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެއެވެ. ނަމަވެސް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް މެމްބަރެއްގެ ގޮނޑި ގެއްލޭ ހަތަރު ހާލަތެއް ބަޔާން ކޮށްފައި ވެއެވެ. ޤާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ޤާނޫނު އަސާސީގައި ބުނެފައިވާ އިރު، އެފަދަ ހާލަތެއް މެދުވެރި ނުވާކަމުގައި ވާނަމަ އެ މެމްބަރެއްގެ ގޮނޑި ނުގެއްލޭނެއެވެ.

މި މައްސަލާގައި ޔައުޤޫބް ވިދާޅުވެފައި ވަނީ، ގޮނޑި ގެއްލިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ، އެކަމުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުން، އެ ކައުންސިލްގައި އިންނެވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކި ވަޑައިނުގަންނަވާތީ ކަމަށް ޔައުގޫބު ވިދާޅުވެފައި ވެއެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި، ހަލީމް ވަނީ މީގެ ކުރިން ވެސް މަޖިލީހުގެ ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލައެއް ސުޕްްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އެއީ މިހާރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އާއި ކިނބިދޫ ދާއިރާގެ މެމްބަރުގެ މުހައްމަދު ނާޝިޒުގެ ގޮނޑީގެ މައްސަލައެވެ. އެ މައްސަލަ ހުށަހެޅުއްވީ ގެރެންޓީ ދެއްވި ލޯނަކަށް ފައިސާ ނުދެއްކި މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ އެތައް ދުވަހެއް ވަންދެން ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެން ގޮސް ބޭއްވުމަށް ފަހު، އެ ދެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އޭރުގެ ސުޕްރީމް ކޯޓުން ނިންމީ އެ ދެ މެމްބަރުން ޑީއާރުޕީން އެމްޑީޕީއަށް ބަދަލުވެ ވަޑައިގެންނެވުމާ އެކުއެވެ.

- ކޮމެންޓް