ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެ ކުންފުނީ އޮތީ ސިޔާސީ ކުލަޖެހި ވަރަށް ނިކަމެތި ހާލެއްގައިކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
މުޢުނީ އެހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ''ރާއްޖެޓީވީ'' އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައެވެ.
މުޣުނީ ވިދާޅުވީ، ވެރިކަން ބަދަލުވި ދުވަސްވަރު މާލެއިން ކަރަންޓު ކެނޑެން ޖެހުނު މައިގަނޑު ސަބަބަކީ 2017 އަދި 2018 ވަނަ އަހަރު ކެޕޭސިޓީ އިތުރުކުރަން އެއްވެސް އިންވެސްޓްމެންޓެއް ކުރީ ސަރުކާރުން ކޮށްފައިނުވާތީ ކަމަށެވެ. އޭގެ ހުރިހާ ގެއްލުމަކާއި ކުރިމަތިލާން ޖެހުނީ އައު މެނޭޖްމެންޓުންކަން ފާހަގަކުރައްވަމުން މުޣުނީ ވިދާޅުވީ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް އަވަސްވެގަތީ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތަށް ހިދުމަތް ދިނުމަށް ކަމަށެވެ.
2018 ވަނަ އަހަރު މެއިންޓެނެންސް މަސައްކަތް އޮތީ ތަންކޮޅެއް ފަހަތުގައި. އިލެކްޝަން އަހަރެެއްވީމާ އޭރުގައި ތިބި ބޭފުޅުން ނިންމާފައި އޮތީ އެކަންކަން މަޑު ޖައްސާލަން. އެއީ ބޮޑު އިންޖީނެއް މެއިންޓެނެންސްގެ މަސައްކަތް ކުރަމުންދާއިރު އެހެން އެއްޗަކަށް ކަމެއް ދިމާވެ ކަރަންޓު ކެނޑިޖެއްޔާ އެއީ އެބޭފުޅުންނަށް އެހާ ރަނގަޅު ކަމަކަށް ނުބެލެވޭތީ އެ ބޭފުޅުން ނިންމި ނިންމުމެއް. އިންޕެކްޓް އައީ އަޅުގަނޑުމެންނަށް.ހަސަން މުޣުނީ - ސްޓެލްކޯގެ އެމްޑީ
އޭނާ ވިދާޅުވީ ގޮތުގައި، ކުންފުނީގެ ސްޓޭޓްމެންޓްތަކުން އެކަނިވެސް ކުންފުނި އޮތް ނިކަމެތި ހާލު ފެނިވަޑައިގެންފައިވާ ކަމަށާއި، ސްޓެލްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިގެން ދިޔައީ މިހާރުގެ މެނޭޖްމަންޓްގެ ދަށުން ކަމަށެވެ.
މުޣުނީ ވިދާޅުވީ، ކުރީއާ ހިލާފަށް މިހާރު ސްޓެލްކޯ މުވައްޒަފުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން މަސައްކަތް ކުރަމުންދާ ބައެއް ކަމަށާއި، ކުރިޔަށް އޮތް ތަނުގައިވެސް މުވައްޒަފުން ދެމިތިބޭނީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ކަމަށެވެ.
އޭނާ ވިދާޅުވީ، ސްޓެލްކޯ މުވައްޒަފުން ކުރި މަސައްކަތާއި ދޭތެރޭގައި ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށާއި، އަދި އެކަމާއި މެދު ފަހުރުވެރިވާ ކަމަށެވެ.
ސްޓެލްކޯއިން މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރިޔަށްގެންދާ ޕްރޮޖެކްޓަކީ މާލެ، ހުޅުލޭ އަދި ހުޅުމާލެ އެއް ގްރިޑަކުން ގުޅުވާލަން ސްޓެލްކޯއިން ފަށާފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫއުއެވެ.
ސްޓެލްކޯއިން ހިންގާ ކަރަންޓުގެ ބިޔަ މަޝްރޫއު ހިންގަނީ ޗައިނާގެ ޑޮންފެންގު ކުންފުންޏާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫއު އަކީ ސްޓެލްކޯއިން 44 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މަޝްރޫއުއެކެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޕްރޮޖެކްޓް އަށް ކޮންމެވެސް ވަރެއްގެ މެދުކެނޑުމެއް އައުމާއި ގުޅިގެން ސްޓެލްކޯއިން މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު މި މަސައްކަތް ނިންމާލާށެވެ.
މުޅި ޕްރޮޖެކްޓުގެ 70 އިންސައްތަ އެއްކޮށް ވަނީ ނިންމާލާފައެވެ. މި މަޝްރޫއު ނިމިގެން ދިޔުމާއެކު ކަރަންޓު ކެނޑުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މިއީ މިހާތަނަށް އެ ކުންފުނިން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.