ހަމަ އަގުގައި ރައްޔިތުންނަށް ކާޑު ފޯރުކޮށްދިނުމަށް ކުރި މަސައްކަތުގެ ތެރެއިން އެއްވެސް ދަތިކަމަކާ ނުލައި ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދީފައިވާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ރާއްޖެއަަށް ކާޑު ލިބުން ދަތިވިޔަ ނުދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ވާހަކަ ހިއްސާކުރައްވަމުން އަމްރު ވިދާޅުވީ، ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ނެތި ކާޑު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަންތައް ކަމަށާއި، އެއާއެކު ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރުމުގައި އެސްޓީއޯގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަމްރު ވިދާޅުވީ، ޕެންޑަމިކްގެ މާކުރިން އެސްޓީއޯއިން ވާނީ ކާޑުގެ ބާވަތްތަައް ރާއްޖެއަށް ގެނެސް ވިއްކުމުގައި ހާއްސަ އުސޫލުތަކެއް ހަމަޖައްސާފައި ކަމަށާއި އެއާއެކު ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ދަތިކަމަކާ ނުލައި ކާޑު ފޯރުކޮށްދެވިފައިވާނެ ކަމަށެވެ.
އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ރަނގަޅު އެއްކަމަކީ ޕެންޑަމިކަށް އައުމުގެ މާކުރިން ކުރެވިފަ އޮތް ރަނގަޅު ކަމެއްގެ ނަތީޖާ މިއަދު ފެންނަމުން ދިއުން. އަޅުގަނޑުމެން 2019 ވަނަ އަހަރުގެ ވިސްނުމަކީ ކާޑުގެ އަގު ތަފާތު ވެގެންނުވާނެޔޭ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް. ކުރީގައި ސަރުކާރުތަކުން ސާކިއުލާއެއް އޮވޭ ނެރެފަ ރާއްޖޭގައި އުތުރާއި ދެކުނުގައި ކާޑުގެ އަގު ބޮޑުވާނެ ކަމަށް މާލެ ސަރަހައްދަށްވުރެ. އަޅުގަނޑުމެންނަށް އެކަން ނުވިސްނުނު އެއީ އެހެން އޮންނަންވާނެ ކަމެއް ގޮތުގަ. އަޅުގަނޑުމެންގެ ވިސްނުމަށް އައީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަަށް ކޮންމެ ހިސާބަކަށް ނިސްބަތް ވިޔަސް އޭގެ އަގުގައި ކާޑު ފޯރުކޮށްދޭން.އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަމްރު
އަމްރު ވިދާޅުވީ، ރައްޔިތުންނަށް ހަމަ އަގުގައި ކާޑު ފޯރުކޮށްދިނުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ކޮންމެ ރަށަކަށްވެސް އެސްޓީއޯގެ އެޖެންޓެއް ކަނޑައެޅި، އެފަރާތްތަކުގެ ބެލުމުގެ ދަށުން ރަށްރަށަށް ކާޑު ގެންދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުން ކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށްވެސް ކާޑު ގެންދާވަރާއި، ސްޓޮކުގައި ބެލެންސް ހުންނަވަރު މޮނިޓަރ ކުރެވި، ރާއްޖެއަަށް އެމަހެއްގައި ކާޑު އެތެރެކުރަންޖެހޭ ވަރު އެނިގިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ކާޑު ނުލިބިގެން އެކަމުގެ ޝަކުވާ ކުރަންޖެހިފައި ނުވާ ކަމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ހަމަ އަގުގައި އެސްޓީއޯއިން އެތެރެކުރާ ކާޑު ފޯރުކޮށްދެވިފައިވާނެ ކަމަށެވެ.