ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް މި މަހުގެ 8-10 އަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ފުރާވަޑައިގެންފިއެވެ.
މި މަހުގެ 8 ވަނަ ދުވަހު ރާއްޖެ ވަޑައިގަތް ޝްރިންގްލާގެ ދަތުރުފުޅު ނިންމައިލެއްވުމަށް ފަހު ފުރާވަޑައިގެންނެވީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއެކު މަޝްވަރާކުރެއްވިއެވެ. އަދި މަސައްކަތް އަވަސްކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ދެ ގައުމުގެ ފޮރިން ސެކްރެޓަރީން މަޝްވަރާކުރެއްވިއެވެ.
މި ދަތުރުފުޅުގައި ޝްރިންގްލާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ސަރުކާރު ކޯލިޝަން ގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނާ ވަނީ ބައްދަލު ކުރައްވާފައެވެ.
ދެ ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ރާއްޖެ އާއި އިންޑިއާއާ ދެމެދު 4 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދޭ 100 މިލިއަން ޑޮލަރުގެ އެއްބަސްވުން ހިމެނެއެވެ.