ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭނިންގ އިދާރާތަކުގެ ތެރޭގައި އަތޮޅު ކައުންސިލް ހިމެނުން މުހިންމު ކަމަށް ފެންނަ ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
އެލްޖީއޭއިން މިހެން ބުނީ އަންގާރަ ދުވަހު ބޭއްވި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް ދިރާސާ ކުރައްވާ ޖޮއިންޓް ކޮމެޓީގެ ފަސްވަނަ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އެލްޖީއޭގެ ދެ މެންބަރުން ބައިވެެރިވެ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕްލޭނިންގ އިދާރާތަކުގެ 14 ވަނަ މާއްދާގައި ވާގޮތުގައި ދިވެހިރާއްޖޭގައި ބިނާވެށި ޕްލޭންތައް އެކުލަވާލައި، އެ ޕްލޭންތައް ފާސްވުމަށްފަހު، އެ ޕްލޭންތައް ތަންފީޒުކުރެވެމުންދާ ގޮތް ބެލުމާއި، ޕްލޭނިންގއާ ބެހޭ ހުއްދަތައް ދިނުމުގެ މަސްއޫލިއްޔަތު ޙަވާލުވެގެންވަނީ ޕްލޭނިންގ އިދާރާތަކަށް ކަމަށެވެ.
އެގޮތުން ޕްލޭނިންގ އިދާރާތަކުގެ ގޮތުގައި މިހާރު ހިމެނެނީ މިނިސްޓްރީތަކާއި ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލް ކަމަށެވެ. ނަމަވެސް މި އިދާރައިގައި އަތޮޅު ކައުންސިލްގެ ބަހެއް ހިމެނުންވެސް މުހިންމު ކަމުގައި ފެންނަ ކަމަށް އެލްޖީއޭގެ މެންބަރުން ބުނެފައިވެއެވެ.
އެލްޖީއޭއަށް ފެންނަ ގޮތުގައި އަތޮޅު ކައުންސިލްގެ ބަހެއް ހިމެނުން މުހިންމު ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، ދެން ހޮވޭ ކައުންސިލްތަކުން އެ ކައުންސިލްއަށް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އަތޮޅު ކައުންސިލްގެ ރައީސް ނުވަތަ އަތޮޅު ކައުންސިލްއަށް މެންބަރުން ހޮވަން ހަމަޖެހިފައި ވާތީ ކަަމަށެވެ.
އެލްޖީއިން ފާހަގަކުރީ އަތޮޅު ކައުންސިލް ގެ ބަހެއް ބިނާވެށި ޕްލޭންކުރުމުގައި ހިމެނިއްޖެ ނަމަ ރަށު ލެވެލްގައި އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. ސަބަބަކީ އަތޮޅު ކައުންސިލުގައި ތިބޭ މީހުންނަށް އެ މެންބަރެއްގެ ރަށުގެ ހާލަތު މާ ފުރިހަމައަށް އިނގޭނެތީ ކަމަށް އެލްޖީއޭއިން ފާހަގަކޮށްފައިވެއެވެ.
މި ޖޮއިންޓް ކޮމިޓީގައި ރައްޔިތުންގެ މަޖިލިހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެންބަރުންނާއި ލާމަރުކަޒީ ކޮމިޓީގެ މެންބަރުންގެ އިތުރުން ޤައުމީ ތަރައްޤީއާއި ތަރިކަ ކޮމިޓީގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.
މިކަމާބެހޭ ގޮތުން އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެމްބަރަކު ވިދާޅުވީ ޕްލޭނިންގ އޮތޯރިޓީ މިހާރު ހަމައެކަނި މާލެގައި އިނުމުގެ ބަދަލުގައި އަތޮޅު ކައުންސިލް މެންބަރުންގެ އަތުގައި އެ ބާރު އޮންނަ ނަމަ ލާމަރުކަޒީ ނިޒާމަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށާއި އަދި އޭރުން އަތޮޅު ކައުންސިލްގެ ޒިންމާވެސް އިތުރަށް ފުރިހަމަ ވާނެ ކަމަށް ފެންނަކަމަށެވެ.
މީގެ އިތުރުން ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރަން އެދޭނަމަ ރަށުގެ ބިންތަށް ސަރުކާރަށް ނަގާއިރު، ރައްޔިތުންގެ ބަހެއް ހޯދުން މުހިންމު ކަމަށް ދެކޭ ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.