ޅ ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް ކުއްލި ގޮތަކަށް މި ސަރުކާރުން މިޕްރޮޖެކްޓް ހިންގުމަށް ހަވާލުކުރެވިފައިވާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެ މި މަޝްރޫޢު ނުނިމި ލަސްވަމުންދާތީ އެކަމާއި ގުޅޭގޮތުން ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.
ޤަރާރު ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ މި މަޝްރޫޢު ނުނިމި ލަސްވެ ނައިފަރުގެ މަގުހެދުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދެވެން ނެތުމާއެކު ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދީ މިމަސައްކަތް ވީހާވެސް އަވަހަކަށް ނިންމޭނެ ގޮތެއް ހައްދަވައި ދެއްވުން އެދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ މި ޤަރާރު ހުށަހަޅުއްވާކަމަށެވެ.
ޝިޔާމް ވިދާޅުވީ ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވަނިކޮށް ކުއްލި ގޮތަކަށް އެމަސައްކަތްކުރާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ސަރުކާރުން އުވާލުމާއި ގުޅިގެން މަޝްރޫޢުގެ މަސައްކަތް ހުއްޓި ކަނޑައެޅިފައިވާ މުއްދަތަށްވުރެ އެތައް ދުވަހެއް ދިގުލައިގެން ގޮސް ރައްތިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.
މި އެއްބަސްވުން އުވާލުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ވާހަކަދައްކައިގެން މިކަން ހައްލުކުރުމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެލްއީ ޓްރިވެނީ ޖޭވީ ކުރި މަސައްކަތުންވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ މިކަމާއި ގުޅިގެން ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ސިޓީއެއް ފޮނުވުމުންވެސް ކުރިއެރުމެއް ނުލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން އޭރުގެ ޕްލޭނިންގ މިނިސްޓަރ އަދި މިހާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމަށްވެސް ސިޓީއަކުން ދެންނެވުމުންނާއި މަޖިލީހުގައި ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި އެމްޑަބްލިޔުއެސްސީ އާ ހަވާލުކުރައްވައިގެން މިމަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަން ނަމަވެސް މި މަސައްކަތް ނުފެށި މިހާރު 5 މަސްދުވަސް ވެގެންގޮސްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ހުއްޓިފައިވުމުގެ ސަބަބުން ނައިފަރުގެ މަގުތައް ހަލާކުވެ ހިނގާބިގާވެ އުޅުމަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު މަގުތައް ހެދޭނެ ގޮތެއްވެސް ނެތި ވިއްސާރަވުމުން މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ.
އެހެންކަމުން މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކުރުމަށްޓަކައި މިގަރާރު ހުށަހަޅުއްވާކަމަށް ޝިޔާމް ވިދާޅުވިއެވެ.