2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ހާލަތުން ވީހާވެސް އަރައިގަތުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހޯމަ ދުވަހު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ބަޖެޓާއި ގުޅޭ ގޮތުން ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ ''ފަލަސުރުހީ'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ މުހިއްމު ބޭނުމަކީ މިހާރު މިތިބި ހާލަތުން އަރައިގަތުން ކަމަށެވެ.
2020 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާ ފާސްކުރި ބަޖެޓަކީ ވަރަށް އުއްމީދީ ބަޖެޓެއްކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ، އެ ބަޖެޓުގައި ޒަމާނުއްސުރެ ރާއްޖޭގައި ނުކުރެވިފައި ހުރި ގިނަ ކަންތައްތަކަށް ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގުމަށް އިސްކަން ދީފައި ވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުތައް ހިންގާ ގިނަ ރަށްރަށުގެ ބަނދަރުގެ މަސައްކަތްކޮށް މަގު ހެދުމުގެ މަސައްކަތް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮވިޑް-19 ހާލަތާއި ގުޅިގެން ހަރަދު ކުޑަކުރަން ޖެހި ބޭނުންވި ވަރަށް ގިނަ ޕީއެސްއައިޕީ ނުހިމެނުނުކަން އަމީރު ފާހަގަކުރެއްވިއެވެ.
2021 ވަނަ އަހަރު ހުށައަޅާ ބަޖެޓަކީ މި އަޑިގަނޑުން އަރައިގަންނަން ކުރާނެ ކަންތައްތަކަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ބަޖެޓް އެކުލަވާލުމުގައި ކޮވިޑާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ނެޝަނަލް ޓާސްކްފޯސް އޮން ނެޝަނަލް ރިސިލިއަންޓް ބިލްޑިން ޓާސްކު ފޯހުގެ އެކި އެކި ވޯކިން ގްރޫޕްތަކުން ފިނޭންސްއަށް ހުށައެޅި ހިޔާލުތަކާއި އެކު ސިންދަފާތު ކުރެވޭނެ ދާއިރާތައް ދެނެގަނެފައިވާނެ ކަމަށް ވިދާޅުވިއެވެ.
2021 ވަނަ އަހަރަށް ހުށައެޅި ބަޖެޓުގެ އަމާޒަކީ ޑައިވައިސިފައިކޮށް އަދި އަޅުގަނޑުމެން މިއަދު މިތިބި ހާލަތުން ރައްޔިތުންނާ ގައުމު ވީހާވެސް އަވަހަށް އަރައިގަތުމަށްޓަކައި ފޯކަސް ކުރެވިގެން ކުރެވިގެން އަޅުގަނޑުމެން ހުށައަޅާފައިވާ ބަޖެޓެއްއިބްރާހިމް އަމީރު - ފިނޭންސް މިނިސްޓަރު
އަމީރު ވިދާޅުވީ، ބަޖެޓުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައި ވާނީ ޕޯޓް ގުޅީފަޅަށް ބަދަލުކުރުމަށާއި، ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އިތުރުން ސަރަހައްދީ ތަރައްގީއަށް ކަމަށެވެ.
އަމީރު ވިދާޅުވި ގޮތުގައި، ދައުލަތުގެ އާމްދަނީ ދަށްވެގެން ދިޔުމުން 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ތަންފީޒު ކުރުމަކީ މުސްތަހިއްލު ކަމެކެވެ. އެހެންކަމުން ޖާގަދިން ވަރަކުން ހަރަދުތައް ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ދައުލަތުން ކުރާ ދަތުރުތަކާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށްގެން އަމިއްލަ ބާރުގައި ކުރެވެން ހުރި ހަރަދުތައް ކުޑަކޮށްފައިވާނެކަން ފާހަގަކުރެއްވިއެވެ.