އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 67 ރަށުގައި ގާއިމުކުރާ ކުޑަކުދިންގެ ޕާކުތައް ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.
މި ޕާކުތައް ހަވާލުކޮށްފައި ވަނީ މިކަމަށްޓަކައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައެވެ. މި ޕާކުތައް ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކެޓްރީ ހާޝް ޝްރިންގްލާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ޕާކުތަކާއި ހަވާލުވީ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ 67 ރަށުގައި ގާއިމުކުރެވިގެންދާ ކުޑަކުދިންގެ ޕާކުތަކުގެ ސާމާނު ލިބިފައިވާ ކަމަށާއި، މިހާރު ކުރިޔަށްދާ މަސައްކަތްތަކަކީ މި ސާމާނު ރަށްރަށަށް ފޮނުވައި އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވެފައެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ވަނީ 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ވެސް ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ.
ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުމަކީ މި ސަރުކާރުގެ އެއް އަމާޒެވެ. އަދި ކުޑަކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމްކުރެވޭ ޕާކުތަކާއި ޖިމްތަކުގެ ސަބަބުން މި އަމާޒަށް ވާސިލުވުމަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.