ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 22:29
އެމްއޯސީގެ ކޮންގްރެސް އެށްގެ ތެރެއިން
އެމްއޯސީގެ ކޮންގްރެސް އެށްގެ ތެރެއިން
އެމްއޯސީ
އެމްއޯސީގެ އިންތިހާބު
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
ޝަވީދަށް އެންޑޯވްސްމެންޓް ދީފައިވާކަން އަދި މިހާތަނަށް އިއުލާން ކޮށްފައިވަނީ ހަމައެކަނި އެފްއޭއެމް އިން
އެފްއޭއެމްއިން މިކަން އިއުލާން ކޮށްފައިވަނީ އެއިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުގައި

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ކުރިމަތިލާފައިވާ މުހަންމަދު ޝަވީދަށް އެންޑޯސްމަންޓް ދީފައި ވާކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާން ކޮށްފި އެވެ.

އެފްއޭއެމްއިން އާދިއްތަ ދުވަހު އެއިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިރުކުރި ޕޯސްޓެގައި ބުނެފައި ވަނީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ކުރިމަތިލާފައިވާ މުހަންމަދު ޝަވީދަށް އެއިދާރާގެ އެންޑޯސްމަންޓް ދީފައިވާ ކަމަށެވެ.

އަންނަ މޭމަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި، އަދި މިހާތަނަށް ޝަވީދަށް އެންޑޯސްމަންޓް ދީފައިވާކަން އިއުލާން ކޮށްފައިވާ ހަމައެކަނި އެސޯސިއޭޝަނަކީ އެފްއޭއެމް އެވެ.

މިހާރުވެސް އެކޮމިޓީގެ ރައީސްކަމުގެ މަގާމް އަދާކުރައްވަމުން ގެންދަވާ ޝަވީދު ދެވަނަ ދައުރަކަށް ކުރިމަތި ލައްވާފައިވާކަން އިއުލާން ކުރައްވާފައި ވަނީ އިންތިހާބުގެ ކުރިން އެ ކޮމިޓީން ބޭއްވި އެންމެ ފަހު ކޮންގްރެސްގައި ވާހަކަ ދައްކަވަމުންނެވެ. ޝަވީދު ވިދާޅުވެފައިވަނީ، އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތި ލައްވަން ނިންމާފައިވާ ކަމަށާ އަދި މިހާރުވެސް ބައެއް ފަރާތްތަކުން ޕްރޮސްކީ ދޭނެ ކަމަށް ބުނެ ބައެއް ކަންތައްތައް ކޮށްދިނުމަށް އެދެމުން ދާކަމަށެވެ. ނަމަވެސް ޝަވީދު ވިދާޅުވީ ވޯޓު ދިނުމާއި ނުދިނުން އޮތީ އެ އެސޯސިއޭޝަންތަކުގެ އަތްމަތީގައި ކަމަށެވެ. 

ވީބީ ސްޕޯޓްސް ކްލަބް އުފައްދައި އެ ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ޝަވީދު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް އިންތިހާބުވެފައި ވަނީ 2013 ވަނަ އަހަރުގެ ޖުލައިމަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް