ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 17:54
އިންޑިއާގެ ފޮރިން ސެކްރެޓަރީ ކުރެއްވި އިހުތިރާމުގެ ދަތުރުފުޅުގެ ތެރެއިން
އިންޑިއާގެ ފޮރިން ސެކްރެޓަރީ ކުރެއްވި އިހުތިރާމުގެ ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
އިންޑިއާގެ ފޮރިން ސެކެޓްރީގެ ދަތުރުފުޅު
ރައީސް ސޯލިހުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
 
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވެސް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ބައްދަލުކުރައްވާފަ
 
ރައީސް ވަނީ އިންޑިއާއިން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ފާހަގަ ކުރައްވާފަ
 
ދެ ބޭފުޅުންގެ ވާހަކަފުޅުގައި ދެ ގައުމުގެ ދޭދޭ ގުޅުންތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާ ލައްވާފަ

ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ދެ ޤައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ބަދަހި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރައީސް އޮފީހުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދޭދޭ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން މި އަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 55 އަހަރު ފުރޭ އަހަރު ކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދު އޮތް ވަރުގަދަ ޚާރިޖީ ގުޅުމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުންތަކުގެ ވާހަކަ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުންތައް ކުރިމަގުގައި ވެސް އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ފާހަގަ ކުރައްވަމުން ރައީސްގެ ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުމަށް "އެއަރ ބަބްލް" ގާއިމް ކުރުމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ އެކު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ" ޕްރޮޖެކްޓް ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުމަށް "އެއަރ ބަބްލް" އެއް ޤާއިމުކޮށްދީފައިވާތީ، އެކަމަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސް ސޯލިހު ވަނީ އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާއި ބޮޑުވަޒީރު ނަރެންދްރެ މޯދީއަށް އެ މަނިކުފާނުގެ ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެގޮތުން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ވަނީ ފޮރިން މިނިސްޓްރީގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ވެސް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ވަނީ ބައްދަލު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް