ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 15:23
ސަލްޓަންސް އިން 2007 އާއި 2008 ވަނަ އަހަރު ގެނައި \"ދަ ސަލްޓަންސް ވޭ 001\" އާއި \"ދަ ސަލްޓަންސް ވޭ 007\" ޔޮޓުގެ ފޮޓޯތަކެއް
ސަލްޓަންސް އިން 2007 އާއި 2008 ވަނަ އަހަރު ގެނައި "ދަ ސަލްޓަންސް ވޭ 001" އާއި "ދަ ސަލްޓަންސް ވޭ 007" ޔޮޓުގެ ފޮޓޯތަކެއް
ގޫގުލް
ސަލްޓަންސް/ ކަސްޓަމްސް
ސަލްޓަންސްއިން 110 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ދައްކަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފި
 
ކަސްޓަމްސްއިން ބުނަނީ، އެ އުޅަނދުތައް ޑިކްލެއަރ ކޮށްފައިވަނީ އެ އުޅަނދުތަކުގެ މައުލޫމާތުތައް އޮޅުވާލައިގެން
 
ސަލްޓަންސްއިން އެ ދެ ޔޮޓު ނެގެސްފައިވަނީ ޑިސެމްބަރު 2007 އަދި މާރޗް 2008 ގައި
 
ހައިކޯޓުގެ ހުކުމް ބާތިލްކޮށް، 110،242،413.01ރ ސަލްޓަންސްއިން ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2007، އަދި 2008 ވަނަ އަހަރު, ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުން ދެ ލޯންޗެއްގެ އަގު އޮޅުވާލައިގެން ރާއްޖެއަށް އެތެެރެ ކުރި މައްސަލައިގައި 110 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ސަލްޓަންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް، ހައިކޯޓުން ކުރި ހުކުމް ބާތިލް ކޮށްފިއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ، މި މައްސަލައިގައި ހައިކޯޓުން ހުކުމްކޮށްފައި ވަނީ ކަމާބެހޭ ގާނޫނުތަކާ އެއްގޮތަކަށް ނޫން ކަމަށްވާތީ ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރާ ކަމަށެވެ.

މީގެ 12 އަހަރު ކުރިން ސަލްޓަންސްއިން އެތެރެކުރި ދެ އުޅަނދާ ގުޅޭ މިއްސަލަ ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، މި މައްސަލައަކީ، ދައުލަތުގެ ފަރާތުން 5 އޯގަސްޓް 2009 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅުމުން، 21 ފެބްރުއަރީ 2010 ވަނަ ދުވަހު ނިންމާފައިވާ މައްސަލައެކެވެ. ސިވިލް ކޯޓުން މިމައްސަލަ ނިންމާފައިވަނީ، 14 ޑިސެމްބަރު 2007 ވަނަ ދުވަހު ސަލްޓަންސްއިން ގެނެސްފައިވާ އުޅަނދާއި 25 މާރޗު 2008 ވަނަ ދުވަހު ސަލްޓަންސްއިން ރާއްޖެ ގެނެސްފައިވާ އުޅަނދުގެ އަގު ފާސްކުރުމަށްޓަކައި ސަލްޓަންސްގެ ފަރާތުން އެ ދެ އުޅަނދާބެހޭ ލިޔެކިޔުންތައް އޮޅުވާލައިގެން އެ ދެ އުޅަނދުގެ އަގަށްވުރެ ދަށް އަގެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސަށް ހުށަހަޅާފައިވާކަން ސާބިތުވާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވާގޮތުގައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން 9 ޖޫން 2009 ގައި ކަސްޓަމްސްއިން ސަލްޓަންސް ޖޫރިމަނާކޮށް، އެ ދެ އުޅަނދުގެ ޖޫރިމަނާއަށްވާ 56،634،917.33ރ. (ފަންސާސް ހަ މިލިއަން ހަ ލައްކަ ތިރީސް ހަތަރު ހާސް ނުވަ ސަތޭކަ ސަތާރަ ރުފިޔާ ތެއްތިރީސް ލާރި) އާއި ޑިއުޓީއަށް އިތުރަށް ދައްކަންޖެހޭ 53،607،495.63ރ. (ފަންސާސް ތިން މިލިއަން ހަ ލައްކަ ހަތް ހާސް ހަތަރު ސަތޭކަ ނުވަދިހަ ފަސް ރުފިޔާ ފަސްދޮޅަސް ތިން ލާރި) އާއެެކު ޖުމަލް، 110،242،413.01ރ. (ސަތޭކަ ދިހަ މިިލިއަން ދެ ލައްކަ ސާޅީސް ދެހާސް ހަތަރު ސަތޭކަ ތޭރަ ރުފިޔާ އެއް ލާރި) ތިން ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ދެއްކުމަށް ސަލްޓަންސްގެ މައްޗަށް އެންގުމުންވެސް އެ ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން ސަލްޓަންސްއިން މި ފައިސާ އެއްފަހަރާ ހޯދުމަށާއި، މި ފައިސާ ދެއްކުމަކާ ނުލައި، އެ ދެ އުޅަނދު ބޭނުންކުރުމަކީ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނާ ހިލާފް ކަމެއްކަމަށްވާތީ، އެ ދެ އުޅަނދު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންނަންޖެހޭކަމަށް ކަނޑައަޅައި ދިނުމަށް ސިވިލް ކޯޓަށް ކަސްޓަމްސްއިން ހުށަހެޅި މައްސަލާގައި އެދިފައި ވެއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، އެ އުޅަނދުތައް ޑިކްލެއަރ ކޮށްފައިވަނީ އެ އުޅަނދުތަކުގެ މައުލޫމާތުތައް އޮޅުވާލައިގެން މި ދެ އުޅަނދުގެ ހަމައަގަށްވުރެ ދަށް އަގެއް ކަސްޓަމްސްއަށް ހުށަހަޅައިގެންކަމާއި ސަލްޓަންސްއިން ރާއްޖެއަށް ގެނެސްފައި ވަނީ، "ދަ ސަލްޓަންސް ވޭ 001" ގެ ގޮތުގައި އޮޕަރޭޓް ކުރަމުންދާ "އަޒިމުޓް 98 ލިއޯނާޑޯ" ޔޮޓާއި "ދަ ސަލްޓަންސް ވޭ 007" ގެ ގޮތުގައި އޮޕަރޭޓް ކުރަމުންދާ "އަޒިމުޓް 103އެސް" ޔޮޓު ކަމަށް ސާބިތުވާ ކަމަށެވެ.

ސިވިް ކޯޓުގެ ނިންމުމުގައި ވަނީ، ޖޫރިމަނާ ފީއާއި ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ ފައިސާއާއެކު ޖުމްލަ، 110،242،413.01ރ. (ސަތޭކަ ދިހަ މިިލިއަން ދެ ލައްކަ ސާޅީސް ދެ ހާސް ހަތަރު ސަތޭކަ ތޭރަ ރުފިޔާ އެއް ލާރި) 21 ފެބްރުއަރީ 2010 ވަނަ ދުވަހުން ފެށިގެން 10 މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ، އެ މަހަކަށް ދައްކަންޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދަކުން ފިނޭންސް މިނިސްޓްރީއަށް ދައްކައި ހަލާސް ކުރުމަށް ސަލްޓަންސްގެ މައްޗަށް އަންގާ ކަމަށެވެ.

ސިވިލް ކޯޓުގެ މި ހުކުމް، ސަލްޓަންސްއިން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކުރައްވާފައިވާ ހުކުމެއްކަމަށް ނިންމައި، އެހުކުމް ބާތިލް ކޮށްފައެވެ.

ހައިކޯޓުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، ސަލްޓަންސްގެ ފަރާތުން ރާއްޖެ ގެނައި އެ ދެ އުޅަނދަށް ޑިއުޓީ ދެއްކުމުގެ ގޮތުން އެ ދެ އުޅަނދުގެ ހަމައަގު އޮޅުވާލައިގެން ކަސްޓަމްސްއަށް ހުށަހަޅާފައިވާ ކަމަށް ބުނެ، ކަސްޓަމްސްއިން ކޮށްފައިވާ ތަހުގީގަށްފަހު، އެ މައްސަލައިގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް ނެތްކަމަށް ނިންމައި އެ މައްސަލައިގެ ފައިލް ބަންދުކުރުމަށްފަހު، އަލުން ހުޅުވައި، ކުރިން ކުރެވިފައިވާ ތަހުގީގުގެ މައްޗަށް ބިނާކޮށް، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން ސަލްޓަންސް ޖޫރިމަނާ ކުރުމުގެ ބާރާއި އިހުތިޔާރު ކަސްޓަމްސްއަށް ނުލިބޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، ސަލްޓަންސްއިން ދެ ލޯންޗުގެ އަގު އޮޅުވާލި މައްސަލަ އަލުން ބަލައި ތަހުގީގު ކުރުމަކީ ގާނޫނާ ހިލާފް އަދި ނުކުރެވޭނެ ކަމެއްވެސް ނޫން ކަމަށެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރަކީ އަލީ ރަޝީދު ހުސައިންއެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ސަލްޓަންސްއިން އަގު އޮޅުވާލައިގެން ދެ ލޯންޗް ރާއްޖެ އެެތެރެކުރި އިރު، ކަސްޓަމްސްގެ އިސްވެރިޔަކަށް ހުންނެވި، މ. ބާރަނާ، އިބްރާހިމް ޝާފިއުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލަ ތަހުގީގުކޮށް، އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޝާފިއުގެ މައްޗަށް ދައުވާ ވެސް އުފުލިއެވެ. ނަމަވެސް އިބްރާހިމް ޝާފިއުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން 4 އޮކްޓޯބަރު 2012 ވަނަ ދުވަހު ހުކުމް ކޮށްފައި ވެއެވެެ.

އެ މައްސަލައިގައި ޝާފިއުގެ މައްޗަށް ކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯއްދަވައިދެއްވި ކަމުގެ ކުށުގެ ދައުވާއެވެ.

ސަލްޓަންސްއިން އެ ދެ އުޅަނދުގެ ހަމައަގު އޮޅުވާލައިގެން ކަސްޓަމްސްއަށް ހުށަހަޅާފައިވާ ކަމަށް ބުނާ މި މައްސަލައިގައި، ހައިކޯޓުން، މިމައްސަލަ ސަލްޓަންސްގެ ކޮޅަށް ނިންމުމުން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގައި އެންމެ ފުރަތަމަ އަޑުއެހުމެއް ބޭއްވިފައި ވަނީ 12 ޖޫން 2012 ވަނަ ދުވަހުއެވެ. އޭގެ ފަހުން 18 ޖޫން 2012 ވަނަ ދުވަހު ވެސް އަޑުއެހުމެއް ބޭއްވައި އަޑުއެހުންތައް ނިންމާލާފައިވެއެވެ. އޭގެ ފަހުން، ފަނޑިޔާރުންގެ ބެންޗު ތިން ފަހަރެއްގެ މަތިން ބަދަލުވެ، އިޖުރާއީ އަޑުއެހުންތަކެއް ބޭއްވިފައިވެއެވެ. އެގޮތުން، 4 މާރޗު 2019، އާއި 25 ސެޕްޓެމްބަރު 2019 އަދި 9 ޖެނުއަރީ 2020 ވަނަ ދުވަހު އިޖުރާއީ އަޑުއެހުން ބޭއްވިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް