ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 12:56
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ބަޖެޓް 2021- ފައިނޭންސް
ބަޖެޓް ފައިނޭންސިންގ އަށް އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަނީ
 
ރާއްޖޭގެ އެތޭރޭގެ މާކެޓަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިންގ ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދުމަށް ރާވާފައިވޭ
 
ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ރޭވިފައިވޭ
 
އިނޮވެޓިވް ފައިނޭންސިންގ ގެ ގޮތުގައި ގްރީން ބޮންޑެއް ނުވަތަ ބްލޫ ބޮންޑެއް ވިއްކުމަށް މަސައްކަތްކުރެވޭނެ

އަންނަ އަހަރުގެ ބަޖެޓަށް ހޯދާ ފައިނޭންސްގެ ބޮޑުބައެއް ހޯދުމަށް ރޭވިފައިވަނީ ރާއްޖެއިން ބޭރުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މީގެ ބޭނުމަކީ ބޭރު ފައިސާ ވަންނަ މިންވަރު މަދުވެފައިވާތީ، މި އަޑިގަނޑުގެ ތެރޭގައިވެސް ރާއްޖޭގެ ރަސްމީ ރިޒާވް ހިފެހެއްޓުމަށް އެހީތެރިވުމާއި، ދިވެހި ރުފިޔާގެ އަގުހިފެހެއްޓުމަށް އެހީތެރިވުން ކަމަށެވެ.

މިގޮތުން އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ވަނީ ރޭވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިއީ އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާ ގުޅިގެން ވިއްކުމަށް ހަމަޖެހިފައިވާ ސުކޫކެއް ކަމަށާއި މި ކަމުގެ އެގްރީމަންޓެއް މިހާރުވެސް އެފަރާތާއެކު ވަނީ ހެދިފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން އިނޮވެޓިވް ފައިނޭންސިންގ ގެ ގޮތުގައި ގްރީން ބޮންޑެއް ނުވަތަ ބްލޫ ބޮންޑެއް ވިއްކުމަށް މަސައްކަތްކުރެވޭނެ. މި ބޮންޑުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދޭތޯ މަަސައްކަތްކުރެވޭނެ. އަދި ދޭދޭ ޤައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ރޭވިފައިވޭ. އަދި މިނޫނަސް ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ރަހުމަތްތެރި ޤައުމުތަކާއެކު ފައިނޭންސް ހޯދުމަށް މަސައްކަތްކުރެވި، ދުނިޔޭގެ މާކެޓުތައް ރަނގަޅު ވަންދެން މަޑުޖައްސާލެވިފައި އެބަހުރި. މިގޮތުން ޖަޕާނާއެކު މިދިޔަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތްފެށި ސަމުރާއީ ބޮންޑު ފާހަގަކޮށްލަން.
ފައިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

މީގެ އިތުރުން ރާއްޖޭގެ އެތޭރޭގެ މާކެޓަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިންގ ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދުމަށް ރާވާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިއީ ކުރީ އަހަރު ތަކުގެ ޑޮމެސްޓިކް މާކެޓުގެ ނެޓް ފައިނޭންސިންގ ގޮތުގައި ހޯދި އަދަދަށްވުރެ ކުޑަ އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން، ވިޔަފާރިތަކުގައި ސަރުކާރުގެ ހިއްސާކުޑަކޮށް ޕްރައިވެޓައިޒްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެ ބޭނުމަކީ ކުންފުނިތަކަކީ ހިންގުން ރަނގަޅު އަދި ފައިދާ ނެރޭ ކުންފުނިތަކަކަށް ހެދުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަމުން އަންނަނީވެސް ޕްރައިވެޓް ސެކްޓަރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ސްޓޮކްމާކެޓުގައި ލިސްޓުކުރެވިފައިވާ ކުންފުނިތައް. އެހެންކަމުން ވަކި އުސޫލެއްގެ ދަށުން، މި ދިމާލަށް ކުންފުނިތައް ފައްސިޔަކުރުމަކީ މުސްތަގުބަލަށް މުހިއްމުކަމެއް. އަދި އެކި ދިރާސާ ރިޕޯޓްތަކުގެ ރިކޮމެންޑޭޝަނެއް. އެހެންކަމުން ކުންފުނިތައް ލިސްޓުކުރުމާއި، ސްޓްރެޓިޖިކް ޕާޓްނަރުން ހޯދުމާއި، ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ޕްލޭންތައް ބަޖެޓުގައި ހިމެނޭ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ ވިދާޅުވީ މިގޮތުން 462 މިލިއަން ރުފިޔާ 2021 ވަނަ އަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
100%
0%
0%
0%
0%
ކޮމެންޓް