ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 12:26
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ރައްޔިތުންގެ މަޖިލިސް
ބަޖެޓް 2021- ދަރަނި
މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިޞާދު 29.3 އިންސައްތަ ދަށަށްދާނެ
 
ދައުލަތުގެ ދަރަނި 2020 ވަނަ އަހަރު ނިމޭއިރު ހުންނާނެކަމަށް ބެލެވެނީ 70.3 ބިލިއަން ރުފިޔާގައި
 
އިމާރާތްކުރުމުގެ ދާއިރާ 11 އިންސައްތަ ދަށަށް ދާނެ
 
މިއަހަރު ފަތުރުވެރިކަމުގެ ދާއިރާ 68 އިންސައްތަ ދަށަށް ދާނެ

މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިޞާދު 29.3 އިންސައްތަ ދަށަށްދާނެ ކަމަށާއި މިއީ މީގެ ކުރިން އަހަރެއްގެ ތެރޭގައި ދުވަހަކުވެސް އިގްތިޞާދު ދަށްވި މިންވަރެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. މިގޮތުން މި ކަމުގެ އަސަރު ރާއްޖޭގެ ހުރިހާ ސިނާއަތަކަށް ކޮށްފައިވާކަމަށެވެ. އަދި ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މި އަހަރު 65 އިންސައްތަ ދަށަށް ދާނެ ކަމަށާއި އެއާއެކު ފަތުރުވެރިކަމުގެ ދާއިރާ 68 އިންސައްތަ ދަށަށް ދާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އިމާރާތްކުރުމުގެ ދާއިރާއަށްވެސް ވަނީ 11 އިންސައްތައިގެ ދަށްވުމެއް އައިސްފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު، ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދުގައި ވަޒީފާތައް މަދުވެފައިވާ ކަމަށެވެ. ޖޮބް ސެންޓަރުގެ ހިސާބުތަކަށް ބަލާއިރު، އޭޕްރީލުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް12,000އަށްވުރެ ގިނަ މީހުން ވަޒީފާ ގެއްލިގެން ނުވަތަ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްގެން ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުމާއެކު، ދިވެހި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވީ ވައިރަސްއާ ކުރިމަތިލުމުގެ ޤާބިލުކަން ގާއިމްކުރުން ކަމަށެވެ. މިއީ އިޤްތިސާދީ ހަރަކާތްތައް އަލުން ފެށުމަށާއި، ރައްޔިތުންގެ ރައްކާތެރިކަމަށް މުހިއްމުވި ފިޔަވަޅުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ ގޮތް ހަދައި، މިއަދު ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ޓެސްޓު ކުރެވޭނެ މަގު ފަހިކުރެވިއްޖެ. މިކަމަށް ޚާއްޞަ ހޮސްޕިޓަލް އެނދު މަދުވެދާނެކަމަށް ބެލެވުމުން، އެނދުގެ ކެޕޭސިޓީ ބޭނުންވާ މިންވަރަށް ހަމަކުރެވިއްޖެ. ބޭނުންވާ މެޝިނަރީ އާއި ވަސީލަތްތައް ހޯދިއްޖެ. ބޭހާއި ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ގެނެވިއްޖެ. މިއަދު ސިއްޙީ ދާއިރާ ވަނީ ކޮވިޑް-19 އާ ކުރިމަތިލައި، ބޮޑު ކޭސްލޯޑެއްވެސް މެނޭޖްކުރެވޭނެ މިންވަރަށް ޤާބިލުކަން އިތުރުކުރެވިފައި. މި މިންވަރަށް ސިއްޙީ ޤާބިލުކަން އިތުރުކުރުމަށާއި، މުޅި ކޮވިޑް-19 ގެ އޮޕަރޭޝަނަށް 1.3 ބިލިއަން ރުފިޔާއާ ގާތަށް މިހާރު ހޭދަކުރެވިއްޖެ. މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވައި، އިޤްތިސާދީ ހަރަކާތްތައް ފެށިފައިވުމުގެ އަސްލަކީ ސަރުކާރުން އޭރު އެޅި ހަރުދަނާ ފިޔަވަޅުތައް.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ރާއްޖޭގެ އިޤްތިސާދު ދަށްވެ، ވަޒީފާތަކަށް އަސަރުކުރުމުން، ދައުލަތުގެ ބަޖެޓުގެ އަމާޒަކަށްވީ އިޤްތިސާދު ހިފެހެއްޓުމާއި، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ނިކަމެތިކަމަށް އެހީތެރިވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮވިޑް-19 އާއެކު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރި ކަމަށާއި މިގޮތުން ކާޑާއި ޒަރޫރީ ތަކެތި ހޯދައި ސްޓޮކް ކުރުމަށް 84 މިލިއަން ރުފިޔާ ހޭދަކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަދި، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވި ދަތި ހާލަތަށް އެޑްރެސްކުރުމުގެ ގޮތުން އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފްކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިގޮތުން ވިޔަފާރިތަކަށް މިހާތަނަށް ބެންކް އޮފް މޯލްޑިވްސް އާއި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާގެ ލޯނު އެހީ ދީފައިވާނެ. އަދި ވަޒީފާ ގެއްލުނު ފަރާތްތަކަށާއި އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ސީދާ ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ދެވުނު. އިންކަމް ސަޕޯޓްގެ ގޮތުގައި 29 އޮކްޓޫބަރުގެ ނިޔަލަށް 10,538 ފަރާތަކަށް 116.1 މިލިއަން ރުފިޔާ ދެވިއްޖެ. އިޤްތިސާދުގެ ކޮންޒަމްޕްޝަން އިތުރުކޮށް، އިޤްތިސާދު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް، ގޭބިސީތަކަށް ކަރަންޓު ބިލާއި ފެންބިލުން ޑިސްކައުންޓްދީ އެހީތެރިވެވުނު. ސަރުކާރުން ކުރިއަށް ގެންދިޔަ މި އިޤްތިޞާދީ ރިލީފް ޕްކޭޖްތަކުގެ ސަބަބުން، ދިވެހިންގެ އެތައް ވަޒީފާއެއް ސަލާމަތްކުރެވުނު.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

މި ކަންކަން ކުރުމަށް ބަޖެޓުން ޖާގަ ހޯދީ ޚަރަދުތައް ކުޑަކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސިޔާސީ ފަރާތްތަކާއި ބޮޑެތި މުސާރަލިބޭ ފަރާތްތަކުގެ މުސާރަތައް ކުޑަކުރެވިފައިވާއިރު ފެށިފައިނުވާ ހުރިހާ މަޝްރޫޢުތަކެއް މަޑުޖައްސާލެވުނު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިގޮތުން 2020 ވަނަ އަހަރަށް ފާސްކުރެއްވި 37.9 ބިލިއަން ރުފިޔާގެ ބަޖެޓު ގާތްގަނޑަކަށް 27 ބިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އިތުރުވި ޚަރަދުތަކާއެކު، 2020ވަނަ އަހަރުގެ މުރާޖަޢާކުރި ބަޖެޓުގެ ޖުމުލައަކީ 31.8 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މިއީ މި މަޖިލީހުން މި އަހަރަށް ފާސްކުރި މިންވަރަށްވުރެ 6.1 ބިލިއަން ރުފިޔާ ކުޑަ އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ހިނގާ 2020 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދަން ބަލާއިރު، އާމްދަނީއަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައި. ފާސްކުރި ބަޖެޓުގައި 29.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވީ ނަމަވެސް، މިހާރު ލިބޭނެ ކަމަށް ބެލެވެނީ 14.7 ބިލިއަން ރުފިޔާ. މިއީ ފާސްކުރި ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 51 އިންސައްތަ ދަށް އަދަދެއް. އެހެންކަމުން 2020 ވަނަ އަހަރުގެ ބަޖެޓު 15.9 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 27.5 އިންސައްތަ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

މިނިސްޓަރ ވިދާޅުވީ ފިސްކަލް ޕޮލިސީ އަކީ ޤައުމުގެ އިޤްތިސާދު ނެގެހެއްޓުމަށް އެހީތެރިވެވެން އޮތް އެންމެ މުހިއްމު ވަސީލަތް ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅަކީ ކައުންޓަރ ސިކްލިކަލް ފިސްކަލް ޕޮލިސީއެއް ދަމަހައްޓަން ޖެހޭ ދަނޑިވަޅެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިއާއެކު، ބަޖެޓު ފައިނޭންސްކުރުމަށްޓަކައި، ދަރަނި ނަގަންޖެހޭ މިންވަރު ވަނީ އިތުރުވެފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ދައުލަތުގެ ދަރަނި 2020 ވަނަ އަހަރު ނިމޭއިރު ހުންނާނެކަމަށް ބެލެވެނީ 70.3 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 121.4 އިންސައްތަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
100%
ކޮމެންޓް