ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 12:11
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ބަޖެޓް 2021- އާމްދަނީ
އަންނަ އަހަރު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ
 
އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކުން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ހޯދޭނެ
 
ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރޭ
 
ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރޭ
 
ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރެވެނީ 5.6 ބިލިއަން ރުފިޔާ

އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ކޮވިޑް-19ގެ ޕެންޑެމިކް އާއި އަދި އެއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިސާދުގެ ސައިޒު، މި ހިނގާ 2020 ވަނަ އަހަރު މިވަނީ 29.3 އިންސައްތައިން ކުޑަވެފައި ކަމަށެވެ.

އެހެންކަމުން އަންނަ އަހަރުގެ ބަޖެޓް އެކުލެވިފައިވަނީ އިގްތިޞާދު އަލުން އާރާސްތުކުރުމުގެ ތަސައްވަރާއެކު ކަމަށެވެ. އަދި މިއަހަރަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަކީ އާންމު ގޮތެއްގައި ދައުލަތަށް ލިބޭ އާމްދަނީއާ އަޅައިބަލާއިރު ވަރަށް ބޮޑުތަން ކުޑަ އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ މިހިނގާ 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއަށްވުރެ 21 އިންސައްތަ އިތުރު އަދަދެކެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި އެންމެ ގިނައިން ލިބޭނެކަމަށް ލަފާކޮށްފައިވަނީ ޓެކުހުގެ ގޮތުގައި ލިބޭ ފައިސާއެވެ.

2021ގެ އާމްދަނީގެ މައިގަނޑު ބައިތަކަށް ބަލާއިރު، ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރެވެނީ 5.6 ބިލިއަން ރުފިޔާ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ލަފާކުރެވޭ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު އާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެނައުމަށް ވަނީ ރާވާފައެވެ. މިގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައިވާ އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމުގެ ބިލް ފާސްވެ، އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒުކުރެވޭނެކަމަށް ލަފާކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް، މި ސިނާއަތުން އާމްދަނީ ހޯދުމަށް ބެލިފައިވާނެ ކަމަށާއި ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އައު ރިޒޯޓްތައް ތަރައްޤީކުރުމަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށް މިނިސްޓާރ ވިދާޅުވިއެވެ.

އަދި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އައު ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ރޭވިފައިވޭ. އަދި ރާއްޖޭގެ ރަށްތަކުގެ ބިން، ވަކިން ޚާއްސަކޮށް ހިއްކާފައިވާ ބިންތަކުގެ ވަކި އިންސައްތައެއް، އާންމުނަށް ވިއްކުމަށް ހުޅުވާލެވޭނެ. އަދި ލެގޫން ލޭންޑް ކޮންސެޕްޓެެއް ތައާރަފްކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިން ރަށްރަށުގެ ފަޅުތައްވެސް ބިމެކޭ އެއްގޮތަށް ތަރައްޤީކުރުމަށް ހުޅުވާލެވޭނެ. މީގެ އިތުރުން ޕާކިންގ ސްލޮޓްތައް ހަދައި ކުއްޔަށްދިނުމާއި ކޮންޖެޝަން ޗާޖެއް ތައާރަފުކުރުމަށްވެސް ރޭވިފައިވޭ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކުން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ހޯދޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ހިނގާ 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި 29.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވީ ނަމަވެސް، މިހާރު ލިބޭނެ ކަމަށް ބެލެވެނީ 14.7 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ފާސްކުރި ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 51 އިންސައްތަ ދަށް އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އާމްދަނީ އަނބުރާ އާންމު ލެވެލްއާ ހަމައަށް އަންނާނެކަމަށް ބެލެވެނީ 2023 ގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް