ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 10:08
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ބަޖެޓް 2021
2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރުމަށް ކޮމިޓީއަށް
ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއް ބަޖެޓް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ބާއްވަންވާނެ
ބަޖެޓް ކޮމެޓީގެ މެމްބަރުންގެ އަދަދަކީ 27

2021 ވަނަ އަހަރަށް ލަފާކުރާ 34.7ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށް ބަޖެޓް ދިރާސާކުރާ ކޮމެޓީއަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވާފަ އެވެ.

ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއް ބަޖެޓް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމަށްވެސް ޤަވާއިދުގައި ބުނެއެވެ. އަދި ބަޖެޓުގެ ބަހުސް ކުރިޔަށްގެންދަންވާނީ ބަޖެޓް ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ކަމަށް ޤަވާއިދު ބުނެއެވެ. އެހެންކަމުން މި މަހުގެ 16 ވަނަ ދުވަހު ބަހުސް ފެށިގެންދާނެ އެވެ. ބެލެވޭ ގޮތުގައި ބަހުސްއަށް ޖުމްލަ 21 ގަޑިއިރު ހޭދަކުރާނެއެވެ. އެހެންނަމަވެސް ބަޖެޓު ބަހުސްއަށް ހޭދަވާ ވަގުތު ކަނޑައަޅާނީ އާއްމު ކޮމިޓީންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ނޮވެމްބަރު މަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރެވޭނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ34.7ބިލިއަން ރުފިޔާ އެވެ. މީގެތެރެއިން އެންމެ ބޮޑު ބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދަށާއި ތަރައްޤީގެ މަޝްރޫޢުތަކަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ޖުމްލަ ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރަނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީ އެކުލެވިގެން ވަނީ މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީގެ މެމްބަރުންގެ މައްޗަށެވެ. ބަޖެޓް ކޮމެޓީގެ މެމްބަރުންގެ އަދަދަކީ 27 އެވެ.

- ކޮމެންޓް