މި ސަރުކާރުން ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވަމުން އަންނަ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ޖަމީލަށް ފާޑުވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަނުގެ އެޑަވައިޒަރީ ބޯޑު މެމްބަރު ޖަމީލް ކުރެއްވި ޓްވީޓުގައި އެމަނިކުފާނު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނި ޕާޓީއެއް ކަމަށާއި، އެކަމަކު މިސަރުކާރުން މި ފެންނަނީ ގައުމުގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާންޖެހުމުގެ ސިސްޓަމެއް ހަދައިފައިވާތަން ކަމަށެވެ. އަދި ފިޗުން ކްރެޑިޓް ރޭޓިން ދަށްކުރުމުން ރައްޔިތުންނަށް ތަކުލީފު ބޮޑުވާނެ ކަމަށް އެމަކިފާނު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެތައް ޖީލަކަށް ގައުމުގެ އިގްތިސާދު ފުނޑުފުނޑުވެގެންދާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
މި ޓްވީޓަށް ރައްދުދެއްވައި އަނދުން ހުސެއިން ވިދާޅުވީ ހަރުފަ ދުލި ދޫކޮށް ނައިބު ރައީސްކަން ދޫކޮށްލައި ޖަމީލް ދިޔައިރު، ގައުމު ދަރުވާލާފައި އޮތް މިންވަރުން ދައްކަން ޖެހޭ ފައިސާކަން އޮޅިފައި ހުރީ ދިވެއްސަކު ނުހުންނާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ކްރެޑިޓް ރޭޓިން ކުންފުނި ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ގަބޫލު ނުކުރާ ކަމަށެވެ. ފިނޭންސް މިނިސްޓްރީން އެކަން ހާމަކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިގްތިޞާދު ޚަރުދަނާ ކުރުމަށް ސަރުކާރުން މިފަހުން އަޅަން ފެށި ފިޔަވަޅުތަކާއި ޕޮލިސީތަކުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު ހަލުވިމިނެއްގައި ކުރިއަރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ބަރާބަރަށް ދައްކަމުން އަންނަ ކަމަށާއި އެގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް އަމަލު ކުރަމުންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފަ އެވެ.
ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. ނަމަވެސް މާލީ އެކި އިދާރާތަކުން ރާއްޖޭން ނަގާފައިވާ ލޯނުތައް މި ހާލަތުގައި ވެސް ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިބަޔާނުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލްކުރުމުގައި ރާއްޖެއިން އަންނަނީ ކާމިޔާބު ހޯދަމުންނެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވައި މަހުން މަހަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނައިރު ޓޫރިސްޓުންނަށް ލުއި ހޯދައިދިނުމަށާއި ރާއްޖެ އަށް އަންނަ އެއާލައިންތައް ވެސް ގިނަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.