ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 20:37
ނިއުރޭޑިއަންޓް އެކަޑަމީ އަދި ސީނިއާ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން
ނިއުރޭޑިއަންޓް އެކަޑަމީ އަދި ސީނިއާ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން
ރާއްޖެ އެމްވީ
ނިއުރޭޑިއަންޓް އެކަޑަމީ
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
ތަމްރީން ހެދުމަށް ފުރުސަތު ލިބުނީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ދެ ކުޅުންތެރިންނަށް
ކުޅުންތެރިން ފާސްވެއްޖެ ނަމަ، އެކަޑަމީގައި އިތުރަށް ތަމްރީންތައް ކުރިޔަށް ގެންދެވޭނެ

އިނގިރޭސި ޕްރިމިއާ ލީގް 2 ގައި ވާދަކުރަމުން އަންނަ ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތު ލިބިއްޖެ އެވެ.

ނިއު އާއި ރެޑިން އެފްސީ ހެދި އެއްބަސްވުމުގެ ދަށުން އެ ކްލަބުން ވަނީ އިނގިރޭސި ވިލާތަށް ގޮސް ރެޑިން އެފްސީގެ އެކަޑަމީގައި ތަމްރީން ހެދުމަށް 16 އަހަރާއި 18 އަހަރާ ދެމެދުގެ ދެ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.

ރެޑިން އެފްސީން ނިއު އަށް ފޮނުވި ސިޓީއެއްގައި ބުނީ ނިއު އިން ފޮނުވާ ދެ ކުޅުންތެރިންގެ ކެއުން އަދި ހުރުން ކްލަބުން ހަމަޖައްސާނެ ކަމަށާއި، އެ ކުޅުންތެރިންނަށް ދޭނީ ހަތަރު ހަފްތާ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން އެ ތަމްރީން ޕްރޮގްރާމުން ކުޅުންތެރިން ފާސްވެއްޖެ ނަމަ، އެކަޑަމީގައި ދިގު މުއްދަތެއްވަންދެން ތަމްރީންތައް ކުރިޔަށް ގެންދެވޭނެ ފުރުސަތުވެސް އޮންނާނެ ކަމަށް ރެޑިން އެފްސީން ބުނެއެވެ.

ރެޑިން އެފްސީ އެކަޑަމީއަކީ ކެޓަގަރީ އެކަކަށް ރޭޓްކޮށްފައިވާއިރު، އެ އެކަޑަމީން އަންނަނީ ނުވަ އަހަރާއި 23 އަހަރުން ދަށުގެ ޓީމު އެކުލަވާލާ ޕްރިމިއާ ލީގުގެ ކްލަބްތަށް ކަމަށްވާ މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ އަދި އާސެނަލްގެ އުމުރުފުރާތަކުގެ ކްލަބްތަކާ ވާދަކުރަމުންނެވެ.

ރެޑިން އެފްސީ އަންނަނީ ޕްރިމިއާ ލީގް 2، 18 އަހަރުން ދަށުގެ ޕްރިމިއާ ލީގު އަދި އެފްއޭ ކަޕްގައި ވާދަކުރަމުންނެވެ. އެގޮތުން އެ ކްލަބުން އަންނަނީ ޒުވާން ކުޅުންތެރިން އުފައްދާ އެ ކުޅުންތެރިން އެޓީމުގެ ފުރަތަމަ ޓީމުންވެސް ފުރުސަތު ދެމުންނެވެ. ރެޑިން އެފްސީގެ އެކަޑަމީން އުފެއްދި ކުޅުންތެރިން ތެރޭގައި ސްވަންސީ ސިޓީއަށް ކުޅޭ އާރޮން ސިގަޑްސަން، ސައުތްހެމްޕްޓަން އެފްސީގެ ޝޭން ލޯންގް އަދި ޗެލްސީ އަށް ކުޅޭ މައިކަލް ހެކްޓާ ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް