އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން ދިގުދެމިގެންދާއިރު އިންތިޚާބުގައި ވާދަކުރެއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އިންތިޚާބުގެ ނަތީޖާ ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ޕެންސިލްވޭނިއާ، ވިސްކޮންސިން އަދި ޖޯޖިއާގެ ވޯޓުތައް އަލުން ގުނުމަށް އެދިވަޑައިގަންނަވަމުންނެވެ.
މިއިން ކޮންމެ ސްޓޭޓެއްގައި ވެސް މިހާރު ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އުޅުއްވަނީ ކުރީގައެވެ. ގިނަ ސްޓޭޓްތަކުގައި ވޯޓު އަލުން ގުނޭނީ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ލިބޭ ވޯޓުގެ އަދަދުގައި ހުންނަ ފަރަގު ވަކިވަރަކަށް ހުރެގެންނެވެ. މީގެ އިތުރުން ވޯޓުގެ ކަންތަކުގައި ކޯޓަށް ދެވޭނެ ތަފާތު ސަބަބުތައް ބައެއް ސްޓޭޓްތަކުގައި ހުރެއެވެ.
ޕެންސިލްވޭނިއާ:
ޕެންސިލްވޭނިއާގެ ޤާނޫނު ބުނާގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ހުންނަ ވޯޓުގެ ފަރު 0.5 އިންސައްތަ ނުވަތަ އެއަށްވުރެ ދަށް ނަމަ އޮޓަމެޓިކުން ވޯޓު އަލުން ގުނޭނެއެވެ. އެހެން ނަމަވެސް ކެންޑިޑޭޓުންނަށް ލިބޭ ވޯޓުގެ އަދަދުގެ ފަރަގު 0.5 އިންސައްތައަށް ވުރެ މަތިނަމަ ސްޓޭޓްގެ ކޯޓަށް ޕެޓިޝަނެއް ހުށަހެޅިދާނެއެވެ. އެއީ ފަސް ދުވަހުގެ ތެރޭގައި ވޯޓު އެއްކޮށް ނުވަތަ އެއްބައި ގުނުމަށެވެ. ނަމަވެސް، މިކަމަށް އެދި ހުށަހަޅާ ފަރާތަކުން ވޯޓު ގުނުމުގައި ހަދާފައިވާ ގޯހެއް ހެއްކާއެކު ދައްކަންޖެހޭނެއެވެ.
ޕެޓިޝަން ހުށަހަޅާ މީހުން ވޯޓު އަލުން ގުނުމަށް ހޭދަކުރަންޖެހޭ ފައިސާ ދައްކަންޖެހޭނެއެވެ. ނަމަވެސް ވޯޓު އަލުން ގުނާއިރު ޕެޓިޝަންގައި ބަޔާންކޮށްފައިވާ ފަދަ ގޯހެއް ހަދާފައިވާނަމަ އެ ފައިސާ އަނބުރާ ލިބޭނެއެވެ.
މި އަހަރުގެ އިންތިޚާބުގެ ވޯޓު އަލުން ގުނާނަމަ އެކަން ނޮވެމްބަރ މަހުގެ 24 އާ ހަމައަށް އެސްޓޭޓްގައި ކުރަންޖެހޭނެއެވެ. ވޯޓު އަލުން ގުނާއިރު އޮބްޒަރވަރުންނަށް ވޯޓު ކަރުދާހާއި ވޯޓު މެޝިން ބެލޭނެއެވެ. އަދި މައްސަލައެއް އުޅޭނަމަ ވަގުތުން އެކަން އަންގާ އެކަމެއް ހައްލުކުރަން ޖެހޭނެއެވެ.
ޖޯޖިއާ:
ޖޯޖިއާގައި މިކަމާއި ގުޅޭގޮތުން އޮންނަ ޤާނޫނުގައި އޮޓަމެޓިކުން ވޯޓު އަލުން ގުނާނެ ގޮތެއް ނޯވެއެވެ. އެހެން ނަމަވެސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ލިބޭ ވޯޓުގައި ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހުންނަ ފަރަގު 0.5 އިންސައްތަ ނުވަތަ އެއަށްވުރެ ދަށްނަމަ އެކަމަށް ކެންޑިޑޭޓުންނަށް އެދެވޭނެއެވެ.
ކެންޑިޑޭޓުންގެ ކެމްޕެއިންގެ ފަރާތުން ޖޯޖިއާގެ ސެކެރެޓަރީ އޮފް ސްޓޭޓަށް ވޯޓު އޮޅުވާލާފައިވާކަން ސާބިތުކުރެވޭފަދަ ހެއްކާއެކު ވޯޓު އަލުން ގުނުމަށް އެދި ޕެޓިޝަނެއް ހުށަހަޅޭނެއެވެ. މިގޮތަށް ހުށަހެޅުމުން ވޯޓުގެ ދެ ބައި ކުޅަ އެއްބައި ވޯޓު އަލުން ގުނޭނެއެވެ. ޖޯޖިއާގެ ސްޓޭޓް ޤާނޫނު ބުނާގޮތުން ކެންޑިޑޭޓުންނަށް އެމީހުންގެ ފަރާތުން މަންދޫބުން ވޯޓު އަލުން ގުނާތަނަށް އޮބްޒަރވް ކުރުމަށް ފޮނުވޭނެއެވެ.
ވިސްކޮންސިން:
ވިސްކޮންސިންގެ ސްޓޭޓް ޤާނޫނު ބުނާގޮތުން އޮޓަމެޓިކުން ވޯޓު އަލުން ގުނޭނެ ގޮތެއް ނޯވެއެވެ. އެހެން ނަމަވެސް ކެންޑިޑޭޓަކަށް އެކަމަށް އެދެވިދާނެއެވެ. ވޯޓު އަލުން ގުނުމަށް އެދެވޭނީ ވިސްކޮންސިންގެ އިލެކްޝަންސް ކޮމިޝަންގައެވެ. އެކަމަށް އެދެވޭނީ އިނީޝަލް ކައުންޓް ނިމޭތާ އެއް ދުވަސްތެރޭގައެވެ. އަދި ވޯޓު އަލުން ގުނާ 13 ދުވަސްތެރޭގައި ނިންމަންޖެހޭނެއެވެ.
ދެ ކެންޑިޑޭޓުންނަށް ލިބޭ ވޯޓުގެ ދެމެދުގައި ހުންނަ ފަރަގު 0.25 އިންސައްތަ ނުވަތަ އެއަށްވުރެ ދަށް ނަމަ އެކަމަށް ދާ ޚަރަދު ސަރުކާރުން ދައްކާނައެވެ. އެހެން ނަމަވެސް ފަރަގު އެއަށްވުރެ މަތި ނަމަ ވޯޓު އަލުން ގުނުމަށް ހޭދަވާ ޚަރަދު ދައްކަންޖެހޭނީ އެކަމަށް އެދޭ ފަރާތަކުންނެވެ. ނަތީޖާއަށް ބަދަލެއް އައިސްފިނަމަ އެ ފައިސާ އަނބުރާ ދޭނެއެވެ.
ވޯޓު އަލުން ގުނުމުގެ މަސައްކަތް ކުރިޔަށް ދާނީ އާންމުންނަށް ހުޅުވާލައިގެންނެވެ. ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ ފަރާތުން ވޯޓު އަލުން ގުނުމުގެ ކަންކަން އޮބްޒަރވް ކުރުމަށް އެތަނުގައި ތިބޭނެއެވެ. އަދި މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ކޯޓަށް ހުށަހެޅޭނެއެވެ.
މިޗިގަން:
މިޗިގަންގެ ސްޓޭޓް ގާނޫނު ބުނާގޮތުން ކެންޑިޑޭޓުންނަށް ލިބޭ ވޯޓުގެ ފަރުގުގައި މަދުވެގެން 2000 ވޯޓުގެ ތަފާތެއް ހުންނަނަމަ އެޓޮމެޓިކުން ވޯޓު އަލުން ގުނޭނެއެވެ.
މީގެ އިތުރުން ވޯޓު އަލުން ގުނުމަށް ކެންޑިޑޭޓުންނަށް މިޗިގަންގެ ސެކެރެޓަރީ އޮފް ސްޓޭޓްގައި ވޯޓު ގުނާތާ 48 ގަޑިއިރު ތެރޭގައި އެދެވޭނެއެވެ. އެހެން ނަމަވެސް ވޯޓު އޮޅުވާލާފައިވާކަމުގެ ހެއްކެއް ދައްކަންޖެހޭނެއެވެ.
ވޯޓު އަލުން ގުނާ ނިންމަން ޖެހެނީ 30 ދުވަސްތެރޭގައެވެ. އަދި ޕެޓިޝަން ހުށަހަޅާ ފަރާތުން ވޯޓު އަލުން ގުނުމަށް ހޭދަވާ ޚަރަދު ދައްކަންޖެހޭނެއެވެ. ނަމަވެސް ނަތީޖާއަށް ބަދަލެއް އައިސްފިނަމަ އެފައިސާ އަނބުރާ ލިބޭނެއެވެ. ގުނާނީ ވޯޓުގެ ދެ ބައިކުޅަ އެއްބައެވެ. ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުންނަށް ވޯޓު އަލުން ގުނާއިރު އެތަނުގައި އޮބްޒަރވް ކުރުމަށް ތިބެވޭނެއެވެ.
ނެވަޑާ:
ނެވަޑާގެ ސްޓޭޓް ޤާނޫނުގައި އޮޓަމެޓިކުން އަލުން ވޯޓު ގުނޭނެ ގޮތެއް ނޯވެއެވެ. އެހެން ނަމަވެސް ވޯޓު އަލުން ގުނުމަށް ކެންޑިޑޭޓުންނަށް އެދެވިދާނެއެވެ. އެކަމަށް އެދެވޭނީ ވޯޓު ގުނާތާ ތިން ދުވަސްތެރޭގައެވެ. އެކަމަށް އެދުމުގައި ވޯޓުގެ ފަރަގު ވަކިވަރަކަށް ހުންނާކަށް ނުޖެހެއެވެ.
ވޯޓު އަލުން ގުނާއިރު ހޭދަވާ ޚަރަދު ދައްކަން ޖެހޭނީ އެކަމަށް އެދޭ ފަރާތަކުންނެވެ. އަދި 10 ދުވަސްތެރޭގައި ވޯޓު އަލުން ގުނާ ނިންމަންޖެހެއެވެ. ވޯޓުގެ ނަތީޖާއަށް ބަދަލު އައިސްފިނަމަ އެފައިސާ އަނބުރާ ލިބޭނެއެވެ.
އެރިޒޯނާ:
އެރިޒޯނާގައި ވޯޓު އަލުން ގުނުމުގެ ކަންކަން އޮންނަ ގޮތަކީ ކެންޑިޑޭޓުންނަށް ލިބޭ ވޯޓުގެ ފަރަގު 0.10 އިންސައްތަ ނުވަތަ އެއަށްވުރެ ދަށް ނަމަ ވޯޓު އޮޓަމެޓިކުން އަލުން ގުނޭނެއެވެ. ކެންޑިޑޭޓުންނަށް ވޯޓު އަލުން ގުނާކަށް ނޭދެވޭނެއެވެ. ވޯޓު އަލުން ގުނާ ނިންމުމަށް ވަކި މުއްދަތެއް ނޯވެއެވެ.
އެހެން ނަމަވެސް އެމެރިކާގެ ފެޑެރަލް ގާނޫނު ބުނާގޮތުން، އިލެކްޓޯރަލް ކޮލެޖުގެ ރަސްމީ ވޯޓު ނެގުމުގެ މަސައްކަތް ކުރުމުގެ ކުރިން، ހުރިހާ ސްޓޭޓަކުން ވެސް އިންތިހާބުގައި ވޯޓު ލުމުގައި، ނުވަތަ ވޯޓު ގުނުމުގައި ނުރަނގަޅު ކަމެއް ހިންގާފައިވާނަމަ، އެ މައްސަލަތަކުގައި ގޮތެއް ނިންމަން ޖެހެއެވެ.