ބައިންނަލްއަޤްވާމީ އިންޑިކޭޓަރުންގެ އަޑުއަހަން ޖެހޭ ކަމަށާއި، ކްރެޑިޓް ރޭޓިން ކުންފުނި ފިޗްގެ ވާހަކަތައްވެސް އަޑުއަހަން ވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓިން ގަބޫލު ނުކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވަނިކޮށެވެ.
ހޮނިހިރު ދުވަހު ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ފިޗްގެ ރޭޓިން ދަށްކުރިނަމަވެސް އެއަޑު އަހަން ޖެހޭނެ ކަަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ބޭރު ފަރާތްތަކަށް ދައްކަން ޖެހޭ ލޯނުތައް ރީސްޓްރަކްޗާ ކުރެވިއްޖެ ނަމަ ގައުމު ދަރަނިވެރި ނުވާނެ ކަމަށާއި ޚާއްސަކޮށް ޗައިނާގެ ކޮމާޝަލް އިންސްޓިޓިއުޝަންތަކަށް ދައްކަންޖެހޭ ލޯނުތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އަދި ފަތުރުވެރިކަމާއި ދަތުރުފަތުރު އަލުން ފަށާފައިވާއިރު ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވެ ދަރަނިތައް ދެއްކެން އުއްމީދުތައް އައު ވެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ގަބޫލު ނުކުރާ ކަމަށްބުނެ ފިނޭންސް މިނިސްޓްރީން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިގްތިޞާދު ޚަރުދަނާ ކުރުމަށް ސަރުކާރުން މިފަހުން އަޅަން ފެށި ފިޔަވަޅުތަކާއި ޕޮލިސީތަކުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު ހަލުވިމިނެއްގައި ކުރިއަރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ބަރާބަރަށް ދައްކަމުން އަންނަ ކަމަށާއި އެގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް އަމަލު ކުރަމުންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފަ އެވެ.
ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. ނަމަވެސް މާލީ އެކި އިދާރާތަކުން ރާއްޖޭން ނަގާފައިވާ ލޯނުތައް މި ހާލަތުގައި ވެސް ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލްކުރުމުގައި ރާއްޖެއިން އަންނަނީ ކާމިޔާބު ހޯދަމުންނެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވައި މަހުން މަހަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނައިރު ޓޫރިސްޓުންނަށް ލުއި ހޯދައިދިނުމަށާއި ރާއްޖެ އަށް އަންނަ އެއާލައިންތައް ވެސް ގިނަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ފައިނޭންސް ގެޕް ކުޑަކުރުމަށް ބޭރުގެ މާލީ އިދާރާތަކާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރާއި ޖަޕާނު ސަރުކާރާއި އޭޑީބީ އާއި ވޯލްޑް ބޭންކާއި އައިޑީބީ އާއި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކާއި އޭއައިޑީބީ އަދި އޯޕެކް ފަދަ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.