ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ހަބް ކުންފުންޏަށް ދައްކަން ޖެހޭ ކަމަށްބުނާ ފައިސާގެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފި އެވެ.
ހަބް ކުންފުންޏަށް ޑީއާރުޕީން ފައިސާ ދައްކަންޖެހޭ ކަމަށްބުނާ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 11:00 އަށެވެ.
ހަބް ކުންފުންޏަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ހުކުމްކުރީީ އެ ޕާޓީން އެކި ފަހަރު މަތިން ހަބް ކޮމްޕެނީން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ނުދެއްކުމުން އެ ކުންފުނިން ދައުވާ ކުރުމުންނެވެ. ސިވިލް ކޯޓުން ކުރި އެހުކުމަށް ހައި ކޯޓުން ވެސް 2015 ވަނަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ.
ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ ޑީއާރުޕީން ދައްކާފައި ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދޭން ހަބް ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމާފައިވަނީ އެ ހުކުމް މިވަގުތު ތަންފީޒުކޮށް ދެވެން ނެތް ކަމަށެވެ. ސަބަބަކީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ޑީއާރުޕީން ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުން އެ މައްސަލަ ބަލައިގެންފައިވާތީ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.
މަދަނީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފްކޮށްފި ނަމަ އެ މައްސަލަ ނިމެންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާނެ އެވެ. އެއީ 2012 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ރިޓް އޮފް ޕްރޮހިބިޝަނެއްގައި ކަނޑައަޅާފައިވާ އުސޫލެކެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އެފެދިގެން އައިދުވަސްވަރު، އޭރު އިސްލާހީ މަސައްކަތް ކު4ރަމުންއައި ފަރާތްތަކުން އެމްޑީޕީ އުފެއްދިއިރު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި ޑީއާރުޕީ އުފެއްދި އެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ރިޔާސީ ޓިކެޓްގައި ރައީސް މައުމޫން ނިކުންނެވި ނަމަވެސް އެ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީ ހިމެނޭ ކޯލިޝަނުން ނެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމުމާއެކު، ޑީއާރުޕީއަށް ދަރަނީގެ ބޮޑެތި މައްސަލަތަކެއް ފެންމަތި ވެގެންދިޔަ އެވެ. އެގޮތުން ބައެެއް އަމިއްލަ ފަރާތްތަކަށާއި ސަރުކާރުގެ ބައެއް ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ކޯޓުތަކުން ހުކުމް ކޮށްފައި ވެސް ވެއެވެ.