ފްރާންސްގައި ހުކުރު ދުވަހު 60،486 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އޭގެކުރީ ދުވަހު އެގައުމުގައި ވަނީ 58،046 މީހުންނަށް ކޮވިޑް-19 ޖެހިފައެވެ. އަލަށް ވައިރަސް ޖެހޭ މީހުންގެ އަދަދާއެކު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 1.66 މިލިއަނަށް އަރާފައެވެ. ފްރާންސަކީ މިވަގުތު ފަސް ވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިކޯޑް ކުރަމުން އަންނަ ގައުމެވެ.
ހެލްތު މިނިސްޓްރީން ބުނީ ހުކުރު ދުވަހު މިބަލީގައި 828 މީހުން މަރުވެފައިވާކަމަށެވެ. މީގެތެރޭގައި ހޮސްޕިޓަލްތަކުގައި މަރުވި 398 މީހުން ހިމެނެއެވެ. ބުރާސްފަތި ދުވަހު ހޮސްޕިޓަލްތަކުގައި މަރުވެފައިވަނީ 363 މީހުންނެވެ.
ފްރާންސަށް ކޮވިޑް-19 ގެ ދެ ވަނަ ވޭވެއް އައިސް ވައިރަސް ފެތުރެން ފެށުމުން އެގައުމުގައި ވަނީ ލޮކްޑައުން އިއުލާންކޮށް އައު ފިޔަވަޅުތަކެއް އަޅާފައެވެ.
 
                             
                     
                             
                        
                
    
 
                        
                
    
 
                        
                
    
