ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 04:58
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ
ރޮއިޓަރސް
ކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު
އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 50،000 ގައި ހިފެހެއްޓިފައި
 
ކޮންމެ 90 މީހަކުން އެކަކަށް އިނގިރޭސިވިލާތުގައި ވަނީ ކޮވިޑް-19 ޖެހިފައި
 
ފާއިތުވި ހަފްތާތަކުގައި 618،700 މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް ވަނީ ލަފާކޮށްފައި
 
އޮކްޓޯބަރ މަހުގެ ފަހު ހަފްތާގައި ދުވާލެއްގެ މައްޗަށް 45،700 މީހުންނަށް ކޮވިޑް-19 ޖެހިފައިވޭ

އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު 50،000 ގައި ހިފެހެއްޓިފައިވާ ކަމަށް އެގައުމުގެ އޮފިސް ފޮރ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.

އިނގިރޭސިވިލާތަށް ކޮވިޑް-19 ގެ ދެ ވަނަ ވޭވެއް އައުމާއި ގުޅިގެން އެގައުމު ވަނީ ދެވަނަ ފަހަރަށް ލޮކްޑައުންކޮށްފައެވެ.

ނޭޝަނަލް ސްޓެޓިސްޓިކްސް އޮފީހުން ބުނެފައިވަނީ އޮކްޓޯބަރ މަހުގެ ފަހު ހަފްތާގައި ދުވާލެއްގެ މައްޗަށް 45،700 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށެވެ. އަދި އޭގެ ކުރީ ހަފްތާގައި 51،900 މީހުންނަށް ދުވާލެއްގެ މައްޗަށް ވައިރަސް ޖެހިފައިވާކަމަށް އެއޮފީހުން ބުނެއެވެ.

ކުރީ ހަފްތާތަކުގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމަށްފަހު މިހާރު އެއަދަދު ދަށަށްދާން ފަށާފައިވާކަމަށްވެސް އެއޮފީހުން ބުނެއެވެ.

ފާއިތުވި ހަފްތާތަކުގައި 618،700 މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް ވަނީ ލަފާކޮށްފައެވެ. އޭގެ ކުރީ ހަފްތާގައި ވައިރަސް ޖެހިފައިވާނެ ކަމަށް ބެލެވިފައިވަނީ 568،100 މީހުންނަށެވެ.

އޭގެ މާނައަކީ ކޮންމެ 90 މީހަކުން އެކަކަށް އިނގިރޭސިވިލާތުގައި ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެކުރިން ހަދާފައިވާ ސަރވޭތަކަށް ބަލާއިރު ކޮންމެ 100 މީހަކުން އެކަކަށް ވައިރަސް ވަނީ ޖެހިފައެވެ.

ނޭޝަނަލް ސްޓެޓިސްޓިކްސް އޮފީހުން ލަފާކުރާ ގޮތުގައި ޓެސްޓް ކުރެވިގެން ވައިރަހަށް ޕޮޒިޓިވްވާ މީހުންނަށްވުރެ ގިނައިން އެގައުމުގައި ވައިރަސް ޖެހިފައި މީހުންނަށް ތިބޭނެ އެވެ.

މާހިރުން ގަބޫލުކުރާ ގޮތުގައި އިންފެކްޝަން ސަރވޭއިން ދައްކަނީ ވައިރަސް ފެތުރޭ މިންވަރު މިހާރު ދަށްވެފައިވާ ކަމަށެވެ. ނަމަވެސް މިކަން ކަށަވަރުކުރުމަށް އަދިވެސް އިތުރު ޑާޓާތައް ބޭނުންވާނެ އެވެ.

ސަރުކާރުގެ ސައިންޓިސްޓުން ބުނާގޮތުގައި އިނގިރޭސިވިލާތުގައި އާރު ވެލިޔު އުޅެނީ 1.1 އާއި 1.3 އާ ދޭތެރޭގައެވެ. އެހެންކަމުން އޭގެން ދައްކުވައިދެނީ ފާއިތުވި ހަފްތާތަކުގައިވެސް ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާކަން ކަމަށް ސައިންޓިސްޓުން ބުނެއެވެ.

ގަވަރމެންޓް އޮފިސް ފޮރ ސައިންސް އިން ބުނެފައިވަނީ ބައެއް ހިސާބުތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ދަށްވެފައިވީނަމަވެސް ވައިރަސް ފެތުރޭ މިންވަރު އަދިވެސް ވަރަށް މައްޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް