އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެ ސްޓޭޓްތަކަކަށް ނިިސްބަތްވާ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ޕެންސިލްވޭނިއާގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ނަންގަވައިފި އެވެ.
ބައިޑަން ވަނީ ޕެންސިލްވޭނިއާގެ އިތުރުން ޖޯރޖިއާގެ އަޣްލަބިއްޔަތުވެސް ހޯއްދަވާ އިންތިޚާބުގައި ދެން ވާދަކުރައްވާ އެމެރިކާގެ ރައީސް އަދި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާ ދެމެދު އޮތް ފަރަގު ބޮޑުކުރައްވާފައެވެ.
އިލެކްޓޯރަލް ކޮލެޖްގެ ނަތީޖާ ދައްކާގޮތުން ބައިޑަން އަށް މިހާރު ވަނީ 253 ވޯޓު ލިބިވަޑައިގަންނަވާފައެވެ. ޓްރަމްޕަށް ލިބިވަޑައިގަންނަވާފައިވަނީ 214 ވޯޓުވެ. އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވަނީ މަދުވެގެން 270 ވޯޓެވެ.
ޕެންސިލްވޭނިއާ އަކީ 20 އިލެކްޓޯރަލް ވޯޓު ހިމެނޭ ސްޓޭޓަކަށްވާއިރު ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މި 20 ވޯޓު ކާމިޔާބުކުރައްވައިގެން ބައިޑަން އަށް އިންތިޚާބު ވަނީ ކަށަވަރުވެފައެވެ.
ޖޯރޖިއާ އަކީ 16 އިލެކްޓޯރަލް ހިމެނޭ ސްޓޭޓެކެވެ. އެސްޓޭޓްގެ އަޣްލަބިއްޔަތު ހޯއްދަވާފައިވަނީ ބައިޑަން އެވެ. މީގެއިތުރުން އެރިޒޯނާ އާއި ނެވަޑާއިން ވެސް ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. މިސްޓޭޓްތަކަކީ އިންތިޚާބުގެ ނަތީޖާ ނެރުމަށް މުހިންމު ސްޓޭޓްތަކެވެ.
ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުމާއި ކައިރިޔަށް ވަޑައިގަންނަވާއިރު ހުކުރު ދުވަހުގެ ރޭ ބައިޑަން ގައުމާ މުޚާތަބު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިޑަން އަށް އިންތިޚާބު ކާމިޔާބުކުރެއްވުނުކަން އިއުލާންކުރައްވާ ދެއްވާ ސްޕީޗަށްވުންވެސް އެކަށީގެންވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އަނެއްކޮޅުން އިންތިޚާބުން ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގަންނަވާފައިވާ ޓްރަމްޕް އަދިވެސް ހުންނެވީ ބަލި ގަބޫލުކުރައްވާ ގޮތަކަށް ނޫނެވެ. ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް އިންތިޚާބު އޮޅުވާލާފައިވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ޓްރަމްޕަށް އެކަމުގެ ހެއްކެއް ދެއްކިފައެއްނުވެ އެވެ.
ޓްރަމްޕްގެ ކެމްޕެއިނުން އެންމެ ފަހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބުގެ ނަތީޖާ ގުނަން ފެށުނީއްސުރެވެސް ޑިމާންޑް ކުރަމުން މިއަންނަނީ ޤާނޫނާއި އެއްގޮތަށް ލާފައިވާ ހުރިހާ ވޯޓެއް ގުނަމަށާއި ޤާނޫނާއި ޚިލާފަށް ހުރި ވޯޓުތައް ނުގުނުމަށް ކަމަށެވެ. އަދި މި އިންތިޚާބާމެދު ރައްޔިތުންގެ މެދުގައި ޔަގީންކަން ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށްވެސް މި ބަޔާނުގައި ބުނެފައިވެ އެވެ.
ޓްރަމްޕް ގެންދަވަނީ ޕޯސްޓް މެދުވެރިކޮށް އިންތިޚާބުގެ ކުރީގައި ވޯޓުލުމަށް އޮންނަ މަރުހަލާގެ ދަށުން ލާފައިވާ ވޯޓުތަކުގެ ތެރެއިން ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ފަހުން ލިބޭ ވޯޓުތައް ނުގުނޭނެކަމަށް ވިދާޅުވަމުންނެވެ. މިފަހަރުގެ އިންތިޚާބަކީ ކުރީގައި ވޯޓުލުމުގެ މަރުހަލާގެ ދަށުން 100 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލައިގެން ރިކޯޑެއް ހަދާފައިވާ އިންތިޚާބެކެވެ. އެހެންކަމުން މިވޯޓުތައް ގުނުމަށް ދުވަސްތަކެއް ހޭދަވާނެކަމަށް ކުރިންވެސް ވަނީ ބެލެވިފައެވެ.
އަނެއްކޮޅުން ޕޯސްޓް މެދުވެރިކޮށް އަންނަ ވޯޓުތައް ގުނަމުންދާއިރު ބައިޑަން އަށް އަންނަނީ އިންތިޚާބުގައި ކުރި ލިބެމުންނެވެ.
ޓްރަމްޕްގެ ކެމްޕެއިން ޓީމުން އަންނަނީ ނަތީޖާ ނެރުމުގައި ބަރޯސާވެފައިވާ ސްޓޭޓްތަކުގެ ވޯޓުތައް އަލުން ގުނުމަށް ނުވަތަ ވޯޓު ގުނުން ހުއްޓާލުމަށް ކޯޓު މެދުވެރިކޮށް އެކަން ކުރުމަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް މާހިރުން ގަބޫލުކުރައްވާ ގޮތުގައި ޓްރަމްޕް ކޮޅަށް ބުރަވާގޮތަށް ނަތީޖާ ނިކުތުމަކީ ދެން ނާދިރު ކަމެކެވެ.
އިލެކްޝަން އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާވަރުގެ ވޯޓު އޮޅުވާލުމުގެ އެއްވެސް ކަމެއް އެމެރިކާގެ އެއްވެސް ސްޓޭޓެއްގައި ހިނގާފައިނުވާ ކަމަށެވެ. ޖޯރޖިއާގެ އޮފިޝަލުން ވިދާޅުވެފައިވަނީ އެ ސްޓޭޓްގެ ވޯޓު އަލުން ގުނާނެކަމަށް ބެލެވޭ ކަމަށެވެ. އެއީ އެންމެ ފަހުގެ ނަތީޖާ ދެކެންޑިޑޭޓުންގެ ދެމެދު 0.5 އިންސައްތައަށް ވުރެ ދަށްނަމަ ވޯޓު އަލުން ގުނުމަށް ކެންޑިޑޭޓަށް އެދެވޭނެތީ އެވެ.
ބައިޑަން ވަނީ އިންތިޚާބު ކާމިޔާބުކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ސަޕޯޓަރުންނަށް ހަމަޖެހިގެން ތިބުމަށް ގޮވާލައްވާފައެވެ.