ދިވެހި ކަނޑު މަހުގެ ބާވަތްތައް ސްރީ ލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ ދިވެހި ކަނޑު މަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅޭ ގޮތުން ދިވެހި މީޑިއާތަކަށް މައުލޫމާތު ދެމުންނެވެ.
މިކަމާ ގުޅޭ ހަބަރުތައް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ. އެކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ސްރީ ލަންކާއަށް އެހެން ގައުމުތަކުން މަސް އިމްޕޯޓް ކުރުން އެގައުމުގެ ސަރުކާރުން މަނާކުރި ނަމަވެސް، ރާއްޖެއިން އެގައުމަށް މަސް އެކްސްޕޯޓް ކުރުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީ ލަންކާއަށް އެތެރެކުރެވޭނެ ކަމުގެ ޔަޤީންކަން ސްރީ ލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ދެއްވާފައިވާ ކަމަށެވެ.
ދިވެހި ކަނޑު މަސް ސްރީލަންކާއަށް އެތެރެކުރުމަށް ހުރަސްތަކެއް ހުރި ކަމަށް ބުނާ ހަބަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީން ވަނީ އިންޑިއާ ކަނޑުގެ ހުރިހާ ގައުމަކުން ކަންނެލި މަސް ގަތުން ބޮއިކޮޓް ކުރަން ޖަމިއްޔާތަކުން ގޮވާލާ ގޮވާލުން ކުއްވެރިކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2015 ވަނަ އަހަރު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިިން މި ސަރަހައްދުގެ ޓޫނާ ސްޓޮކް ބެލެހެއްޓުމަށް އިސްނެގި އެއް ގައުމުގެ ހައިސިއްޔަތުން ރާއްޖެ ވަނީ 2016 ވަނަ އަހަރުގެ ރިސޮލިއުޝަނާއި އެއްގޮތަށް އަމަލުކޮށްފައި ކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް އޮންނަ ދާއިރާއެއް ނަމަވެސް ކަންނެލި ބޭނުމުގައި މިންގަޑެއް ކަނޑައަޅަފައިވާ ކަންވެސް މިނިސްޓްރީ އިން ފާހަގަކުރެއެވެ.
މިނިސްޓްރީ އިން ވަނީ ކަންނެލި މަހުގެ ސްޓޮކް ސަސްޓެއިން ކުރުމަށްޓަކައި އެކުލަވާލާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރަމުންދާ ގައުމުތަކަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ގައުމެއްގެ މަސް ގަތުން ބޮއިކޮޓްކުރަން ގޮވާލުމަކީ އެއްވެސް ގޮތަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ބުނެފައެވެ. އަދި މިގޮތަށް މަސްގަތުން ބޮއިކޮޓް ކުރުމަށް ގޮވާލާ ޖަމިއްޔާ ތަކުން ރާއްޖެއިން މި މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކާއި އެކުވެސް ރާއްޖެ އާއި އެކު މަޝްވަރާކުރުމަށް މަސައްކަތްކޮށްފައި ނުވާތީ މިނިސްޓްރީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.