މިއަހަރުގެ ދެވަނަ ކުއާޓާ އަށްވުރެ ތިން ވަނަ ކުއާޓާގައި ހުށައެޅުނު ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެއްޖެއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ތިންވަނަ ކުއަޓާގައި އޮތޯރިޓީ އަށް ސީދާ ހުށަހެޅުނު އަދި އެހެން މުއައްސަސާތަކުން ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާ ގެ މައްސަލަތަކުގެ ޖުމްލަ އަދަދަކީ 179 އެވެ. އޭގެ ތެރެއިން އެންމެ ގިނައިން މައްސަލަ ހުށައެޅިފައިވަނީ މާލެ ސަރަހައްދުންނެވެ.
ދެވަނަ ކުއާޓާގައި ހުށައެޅުނު މައްސަލަތަކުގެ އަދަދަކީ 111 އެވެ. ތިން ވަނަ ކުއާޓާގައި ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 110 މައްސަލަ އަކީ ފުލުހުންގެ އިދާރާއިން ފެމެލީ ޕްރޮޓެކްޝަން އެޖެންސީ އަށް ރިޕޯޓް ކޮށްފައިވާ މައްސަލަތަކެވެ. ޖެންޑާ މެދުވެރިކޮށް 70 މައްސަލަ އެއް އަދި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ރިޕޯޓްކުރި ހަ މައްސަލައެއް ހިމެނެއެވެ.
އެ އިދާރާއިން ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ތިން ވަނަ ކުއާޓާގައި ރިޕޯޓް ކުރި ގެވެށި އަނިޔާ ލިބުނު މީހުންގެ ޖުމްލަ އަދަދަކީ 242 އެވެ. އޭގެ ތެރޭގައި 182 އަންހެނުންގެ އިތުރުން 60 ފިރިހެނުން ހިމެނެއެވެ. އަނިޔާ ލިބިފައިވާ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ޖުމްލަ އަދަދަކީ 92 އެވެ. އެއީ 67 އަންހެނުންގެ އިތުރުން 25 ފިރިހެނުންނެވެ.
މައްސަލަތަކުގައި ހިމެނޭ ގެވެށި އަނިޔާގެ ބާވަތްތަކުގެ އަދަދަށް ބަލާއިރު އެންމެ ގިނައިން ހުށައެޅިފައިވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުން، ބިރުދެއްކުމުގެ އިތުރުން ޖިންސީ އަނިޔާކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާކުރުމެވެ.
ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ 130 މައްސަލަ، ޖިސްމާނީ އަނިޔާކުރުމުގެ 90 މައްސަލައިގެ އިތުރުން ޖިންސީ އަނިޔާކުރުމުގެ 49 މައްސަލައެއް ހުށައެޅިފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. އަދި ބިރުދެއްކުމުގެ 81 މައްސަލަ، ގޯނާކުރުމުގެ 25 މައްސަލަ މުދަލަށް ގެއްލުން ދިނުމުގެ 27 މައްސަލައިގެ އިތުރުން މާލީގޮތުން ނުވަތަ އިގްތިސާދީ ގޮތުން ދަތިކުރުމުގެ 19 މައްސަލައެއް ހުށައެޅިފައިވެއެވެ.