ސިޔާސީ ޕާޓީއަކުން ލޯޔަލްޓީ ކާޑު ހަދައިގެން ގެންގުޅުމަކީ ސިޔާސީ ގޮތުން މަސައްކަތްކުރާ މެންބަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ލޯޔަލްޓީ ކާޑު ހަދައި ޕާޓީގެ ކައުންސިލް މެންބަރުންނާއި އާންމު މެންބަރުންނަށް ވިއްކަމުންދާތީ އެކަމަށް އިޝާރާތްކުރައްވާ ރާއްޖެޓީވީގެ "ސިޔާސީ ދުނިޔެ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން އަހުމަދު ވިދާޅުވީ، ޕާޓީތަކުގައި މަސައްކަތްކުރާ މެންބަރުންނަކީ އެ ޕާޓީއެއް ވުޖޫދުގައި އޮތުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތް ކަމަށެވެ. އެގޮތުން އެ ޕާޓީއެއްގެ ދަފްތަރު އެކުލަވާލައި އިލެކްޝަނުން ބަލައިގަންނަނީ ވެސް ޕާޓީގެ އާންމު މެންބަރުން ހިމެނޭ އަދަދަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ހަސަން އަހުމަދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހުން ފެންނަމުންދަނީ އެކަމާ ދެކޮޅުވެރި ކަންތައްތަކެއް ކަމަށާއި، އިދިކޮޅު ސިޔާސީ ބޭފުޅުން ކުޅުއްވަނީ ޑިމޮކްރަސީ ނުދަންނަ ކުޅިއެއް ކަމަށެވެ.
ހަގީގަތުގައި ސިޔާސީ ޕާޓީތަކުގެ އާންމު މެންބަރުންނާއި ކައުންސިލް މެންބަރުންގެ މެދުގައިި ލޯޔަލްޓީ ކާޑެއް ހަދައިގެން އުޅުމަކީ އެ ޕާޓީގައި މަސައްކަތްކުރާ އާންމު މެންބަރުންގެ އަގުވަޒަން ނުކުރާ, ސިޔާސީ ކަންކަމާ ބީރައްޓެހި ބަޔަކު ކުރާނެ ކަންކަން ކަމަށް ހަސަންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އެބޭފުޅުންނަކީ ސިޔާސީ ޕާޓީއެއް ވީމަ، ގެންގުޅުއްވާ ބޯދާ ވިސްނުމުން ހިންގާ ޕާޓީތައް އެއީ. ސިޔާސީ މައިދާނެއްގައި ކުރެވޭ މަސައްކަތެއްގެ މައްޗަށް އެމީހާއަށް ކަމެއް ކުރެވޭނީ. މީހަކު ދޭ އެއްޗެއްވެސް ނޯޯންނާނެ ސިޔާސީ މައިދާނެއްގައި. މިސާލަކަށް އެ ކާޑަކީ ބުރަ މަސައްކަތެއް ކޮށްފަ ހުންނަ މީހަކަށް ނުލިބޭ އެއްޗަކަށް ވެއްޖެއްޔާ އެމީހާ މައްސަލަ ޖައްސާނެ.އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ)
ހަސަން ވިދާޅުވީ، ކޮންމެ ޕާޓީއެއްގައި ވެސް މަގާމުތަކެއް ހުރި ނަމަވެސް، ޕާޓީގެ އެންމެންނަކީ ހަމަހަމަ ކަމަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ ޕާޓީއެއްގެ އެންމެ މަތީ މަގާމުގައި ހުންނަ މީހާއަށް އެންމެ ދަށުގައި ހުންނަ މީހާ އަށް ބަސް ބުނެވެންޖެހޭނެ ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، އެމްޑީޕީގައި އޮންނަ ހަމަތަކަކީ އެހެން ޕާޓީތަކުން ދަސްކުރަންޖެހޭ، އަދި އެކަމުން މިސާލު ދައްކުވައިދޭ ފަދަ ހަމަތަކެއް ކަމަށެވެ. އެގޮތުން ހިޔާލު ތަފާތުވުން ހުރި ނަމަވެސް މަޝްވަރާގެ ތެރެއިން ކަންކަން ހައްލުކޮށް، ރައްޔިތުންނަށް ހަމަހަމަކަމާއެކު ކަންކަން ކޮށްދޭ ޕާޓީއަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވިއެވެ.