ދ. އަތޮޅުގައި ހިންގަމުން އަންނަ ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މަރުވި މީހާގެ މައްސަލަ އިތުރަށް ތަހުޤީގު ކޮށްދިނުމަށް އެދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ފުލުހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ 60 އަހަރުގެ ދިވެހި މީހާ މަރުވެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެރޭ ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެ މީހާގެ ގައިން ކޮވިޑުގެ އަލާމާތްތައް ހުރުމާއި ގުޅިގެން ހެދި ޓެސްޓުތަކުން އޭނާ ވަނީ ކޮވިޑް-19 އަށް ޕޮސިޓިވްވެފައެވެ. އަދި އޭނާއާ މެދު އިހުމާލުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ އެ ކޭސް އާ ގުޅިގެން ކަންތައްތައް ހިނގައި ދިޔަގޮތް ބެލުމަށްޓަކައި މި މަހުގެ ދެވަނަ ދުވަހު ހެލްތް މިނިސްޓްރީގެ ޓީމެއް އެ ރިސޯޓާއި ދ. އަތޮޅު ހޮސްޕިޓަލަށް ގޮސް މައުލޫމާތު އޮޅުންފިލުވާފައިވާ ކަަމަށެވެ.
މި ޓީމް ބުރާސްފަތި ދުވަހުގެ މެންދުރުފަހު މާލެ އައިސްފައިވާ ކަމަށާއި ޓީމުން ހޯދުނު ހޯދުންތަކުގެ ރިޕޯޓް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި ހިއްސާކުރެވިފައިވާ ކަމަށެވެ. އަދި އެ ހޯދުންތަކަށް ބެލުމަށްފަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެކަން އިތުރަށް ތަހުޤީގު ކުރުމަށް ފުލުހަށް ހުށަހަޅާފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.